ޝަނޫން ޕީއެސްއެމްއިން ވަކިކޮށްފި

ޗުއްޓީ ނުދީގެން ލޭބާ ރިލޭޝަން އޮތީރިޓީ އަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ޕީއެސްއެމްގެ މަޝްހޫރު ޕްރެޒެންޓަރު މުހައްމަދު ޝަނޫން ވަޒީފާއިން ވަކިކޮށްފި އެވެ.


ޓީވީއެމްގެ ޕްރޮޑިއުސަރުގެ މަގާމުގައި ހުރި އަދި ޓީވީއެމްގައި މަސައްކަތް ކުރާތާ 13 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޝަނޫން ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކުރިކަން އޭނާ އަށް އަންގާފައިވަނީ ރޭ ކަމަށް އޭނާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި ޝަނޫން ވަޒީފާ އިން ވަކިކޮށްފައި ވަނީ އޭނާގެ އަހަރީ ޗުއްޓީ ހަމަވާތީ ޗުއްޓީ އަށް އެދުމުން އެ ޗުއްޓީ ދެވެން ނެތް ކަމަށް ޕީއެސްއެމް އިން އެންގި މައްސަލަ ލޭބާ ރިލޭޝަން އޮތޯރިޓީ އަށް ހުށަހަޅާފައި ވަނިކޮށެވެ.

މި މައްސަލާގައި ޝަނޫން ބުނީ ވަރަށް ބޮޑުކަމެއް ގައުމަށް ދިމާވެގެން ނޫނީ ޗުއްޓީ ހިފެހެއްޓޭނެ ކަމަށް ގަބޫލް ނުކުރާ ކަމަށާއި އަދި އެ ހައްގަށް ވަކާލާތު ކުރުމުން ވަަޒީފާ އިން ވަކިކުރެވޭނެ ކަމަށް ވެސް ނުދެކޭ ކަމަށެވެ. އަދި ޗުއްޓީ ހިފެހެއްޓުމުން އެކަން ޕީއެސްއެމްގެ ވެރިންނަށް އެންގި ކަމަށް އޭނާ ބުންޏެވެ.

ޕީއެސްއެމުން މުވައްޒަފުންގެ ޗުއްޓީތައް އެއް އަހަރު ކުރިން ޕްލޭން ކުރެ އެވެ. އަދި ޝަނޫން އެދިފައިވަނީ ޕްލޭންކޮށް އަދި ފައިނަލް ވެސް ކޮށްފައިވާ ޕްލޭންގައިވާ ތާރީޚަށް ޗުއްޓީ ހޯދުމަށެވެ. ޝަނޫނަށް ހައްގުވާ 18 ދުވަހުގެ އެ ޗުއްޓީ އެ މުއްދަތުގައި ނުނަގައިފިނަމަ އެ ޗުއްޓީ ކެންސަލް ވެސް ވެ އެވެ.

"ޗުއްޓީ އަކީ ހައްގެއް، އެއީ އިނާއަތެއް ނޫން. އެއީ ވެރިން ހެޔޮފުޅުކަމުން ދެއްވާ އެއްޗެއް ނޫން. އެހެންވީމަ ވަރަށް ބޮޑުކަމެއް ދިމާނުވާ ހާލަތުގައި ޗުއްޓީއެއް ނުހިފެހެއްޓޭނެ. އަނެއްކާ ޗުއްޓީ އޮފީހުން ފައިނަލް ކުރީމަ އޭގެ މާނައަކީ އެ މުއްދަތަށް ޗުއްޓީ ލިބޭނެ އޭ. އެހެންކަމުން ވަކި ސަބަބެއް ނާންގާ ހަމައެކަނި ސެކްޝަންގެ މަސައްކަތް ހުރި ގޮތުން ކަމަށް ބުނެ ޗުއްޓީ ނުދީ ހިފެހެއްޓޭނެ ކަމަށް ގަބޫލު ނުކުރެވޭތީ އެ މައްސަަލަ ހުށަހެޅީ،" ޝަނޫން ބުންޏެވެ.

ޝަނޫން ބުނީ އޭނާ ކަނޑާލީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ކުއްލި އަކަށް ރެއިންރެއަށް ކަމަށެވެ.

އެކަމާ ގުޅިގެން ޕީއެސްއެމްގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.

ޝަނޫން އަކީ މަޝްހޫރު ގިނަ ޕްރޮގުރާމްތަކެއް ޕުރޮޑިއުސްކޮށް ޕްރެޒެންޓް ކޮށްފައިވާ މީހެކެވެ. އޭގެ ތެރޭގައި ބޮޑުބެރު ޗެެލެންޖާއި އުރީދޫ މަސް ރޭ އަދި ތޯތޯ ފަދަ ޕްރޮގުރާމްތައް ހިމެނެ އެވެ.

ޝަނޫން ޓީވީއެމުން ކުއްލި ގޮތަކަށް ކަނޑާލާފައިވާއިރު އެ ސްޓޭޝަންގެ ސީނިއާ މުވައްޒަފުންތަކެއް އަންނަނީ ވަކިވަމުންނެވެ. އެގޮތުން ކުޑަކުދިންގެ ޕްރޮގުރާމްތަކުން މަގުބޫލުކަން ހޯދި މުހައްމަދު ޝަމްއޫން ވެސް ވަނީ 15 އަހަރަށް ފަހު ދާދި ފަހުން ޓީވީއެމުން ވަކިވެފަ އެވެ.