ބްރިޖުގެ ބީމްތައް މާލެ ގެންނަ ތާރީޚު ޖެނުއަރީ އަށް ފަސްވެއްޖެ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ ބައެއްގެ ގޮތުގައި ހިމެނޭ ބޮކްސް ގާޑާ ބީމްތައް މާލެ ގެންނަ ތާރީޚު ފަސްވެއްޖެ އެވެ.


ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ބީމްތަކުގެ މަސައްކަތް ޗައިނާގައި ކުރަމުން އަންނައިރު އެ ހުރިހާ ބީމެއް ވެސް އަންނަ މަސް ނިމުމުގެ ކުރިން ގެނެވޭނެ ކަމަށެވެ.

ބްރިޖްގެ ތަނބުތަކުގެ ދެމެދުގައި ހުންނަ ބޮކްސް ގާޑާ ބީމްތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާ ލެއްވުމަށް މުއިއްޒު މިދިޔަ އޮގަސްޓުމަހު ޗައިނާ އަށް ވަޑައިގަތެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު އޭރު ވިދާޅުވީ ބީމުގެ ތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށާއި ޑިސެމްބަރު މަހުގެ ކުރިން ހުރިހާ ބީމެއް ރާއްޖެ ގެނެވޭނެ ކަމަށެވެ.

އެކަމަކު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ބީމުތައް ގެނެވޭނީީ އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިންނެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މައި ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް މިދިޔަ މަހުގެ ތެރޭގައި ނިމިފައިވާއިރު ބްރިޖުގެ ސުޕަ ސްޓްރަކްޗާ އަށް ބޭނުންވާ ކޮންކްރީޓް ބޮޑެތި ބެރިތަކުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި ބްރިޖުގެ ސުޕަސްޓްރަކްޗާ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިމެނޭ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ،

ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ބްރިޖުގެ ކަންކަން ކުރިއަށް ދާއިރު، ޝެޑިއުލަށް ވުރެން މާ އަވަހަށް ޗައިނާގެ ސީސީސީސީން މަސައްކަތް ނިންމަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ،

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމަން އެއްބަސްވެފައިވާ ބްރިޖު އަންނަ އަހަރުގެ ޖުލައި 26 ގައި ހުޅުވޭނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.