ޒިޔަތު: އެމްއެމްޕީއާރުސީއަށް ލިބޭ ފައިސާ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރަން އޭރު އަންގާފައި އޮންނަ ކަމަށް އޭނާގެ ފަރާތުން ބުނޭ --ފޮޓޯ/މިހާރު
11 ނޮވެމްބަރ 2017 - 17:57
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފައިސާއަށް ޚިޔާނާތްތެރިނުވާ ކަމަށާއި ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު 23 މިލިއަން ޑޮލަރު (357 މިލިއަން ރުފިޔާ)ގެ ޗެކްތަކާ ހަވާލުވި ނަމަވެސް އެއަށް ޚިޔާނާތްތެރި ވެފައި ނުވާ ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ފަރާތުން ކޯޓުގައި މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކުރުމުން ދައުލަތަށް ލިބެން ޖެހޭ އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ޒިޔަތުގެ މައްޗަށް ކުރާ 30 ދައުވާގެ ތެރެއިން 15 ދައުވާއެއްގެ އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިއަދު ކުރިއަށް ގެންދިޔަ މައްސަލަތަކުގައި، ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ބުނާ ފައިސާގެ އަދަދު 23 މިލިއަން ޑޮލަރަށް އަރަ އެވެ.
ދައުލަތުގެ ދައުވާތަކުގައިވާ ގޮތުން ރަށްތަކާއި ފަޅުތައް ދޫކޮށްގެން އެކި ފަހަރު މަތިން ލިބުނު 23 މިލިއަން ޑޮލަރުގެ ޗެކްތަކާ ހަވާލުވީ ޒިޔަތެވެ. އެކަމަކު އެ ފައިސާ އެމްއެމްޕީއާރުސީއަށް ނުލިބޭ ކަމަށް ދައުވާގައިވެ އެވެ. އެއިން ކޮންމެ ދައުވާއެއް ވެސް އިއްވުމުން އެ ދައުވާތަކަށް ޒިޔަތު ވަނީ އިންކާރުކޮށްފަ އެވެ.
ޒިޔަތުގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ އެ ޗެކްތަކާ ޒިޔަތު ހަވާލުވި ކަމަށާއި ފައިސާ ލިބުނު ކަމުގެ ހެއްކެއްގެ ގޮތުން ޕްރޫފް އޮފް ޕޭމަންޓް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަދީބާ ހަވާލުކުރީ ކަމަށެވެ. އެކަން އެގޮތަށް ކުރީ ފައިސާ ލިބުނު ކަމުގެ ހެއްކެއްގެ ގޮތުން، އެކަން އެގޮތަށް ކުރަން ޓޫރިޒަމް މިނިސްޓްރީން އަންގާފައި އޮންނާތީ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއާ ގުޅޭ އެއްވެސް އުސޫލަކާ ޚިލާފަށް ޒިޔަތު ކަމެއް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެ ޗެކްތައް ދޫކޮށްފައި ހުރީ އެމްއެމްޕީއާރުސީއަށް ފައިސާ ނެގޭ ގޮތަށް ކަމަށް ވިޔަސް އެ ޗެކްތައް ޖަމާކޮށްފައި ހުރީ އެސްއޯއެފްގެ އެކައުންޓަކަށެވެ. އެސްއޯއެފްގެ އެކައުންޓަކަށް އެ ފައިސާ ޖަމާނުކުރެވޭނެ ކަމަށާއި އެއީ އެމްއެމްޕީއާރުސީން ފާސްކޮށް، ބޭންކް އޮފް މޯލްޑިވްސަށް ހުށަހަޅާފައިވާ ބޯޑް ރިޒޮލިއުޝަނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އެސްއޯއެފްއަކީ ޚިޔާނާތުގެ ފައިސާ ދައުރު ކުރުވި ކަމަށް ބުނާ ކުންފުންޏެވެ.
އަދީބު: ޒިޔަތުގެ ފަރާތުން ބުނަނީ ޗެކްތައް ހަވާލުކުރީ އަދީބާ ކަމަށް --ފޮޓޯ/މިހާރު
އެ ދައުވާތަކަށް ޒިޔަތު އިންކާރުކުރުމުން ދައުލަތުން ވަނީ ޒިޔަތާ ދެކޮޅަށް ބައެއް މީހުންނާއި ބައެއް ލިޔުންތައް ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ. އެކަމަކު ހެކިންގެ ގޮތުގައި ހުށަހެޅި މީހުން ދައުލަތުން ވަނީ ސިއްރުކޮށްފަ އެވެ.
ހެކިތަކަށް ބެލުމަށް ފަހު ގާޒީ އަލީ އާދަމް ނިންމެވީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން ޖިނާއީ ކޮންމެ މައްސަލައެއް ވެސް ކުރިއަށް ގެންދެވޭނެ ކަން ނުވަތަ ނޫން ކަން މަދަނީ މިންގަނޑުން ބަލައި، ކޯޓުން ގޮތެއް ނިންމަން ޖެހެ އެވެ.
ހަތަރު ގަޑިއެއްހާއިރަށް ދެމިގެންދިޔަ މިއަދުގެ އަޑުއެހުން ނިންމާލީ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކަށް ފުރުސަތު ދިނުމަށް ފަހު އެވެ. އެ މައްސަލަތަކުގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހު އެވެ.
މިއަދު ގިނައިން ކުރިއަށް ގެންދިޔައީ ކުރީގެ ގާނޫނުލް އުގޫބާތަށް އަމަލު ކުރިއިރު ހިނގާފައިވާ ހާދިސާތަކާ ގުޅޭ މައްސަލަތަކަށް ވާތީ އެ ދައުވާތައް އުފުލީ ވެސް ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. އެ ގާނޫނު އޮތް ގޮތުން އެ ހުރިހާ ދައުވާތަކެއް ސާބިތުވެއްޖެ ނަމަ ޒިޔަތަށް 15،000 އެއްހާ އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތަސް މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުން ލިބޭނީ އެއަށް ވުރެ ލުއި އަދަބެކެވެ.
ކުށް ކުރި ފަހުން ގާނޫނަށް އަންނަ ބަދަލަކުން އެ ކުށަކަށް ލުއި އަދަބެއް ކަނޑައަޅާފައިވާ ނަމަ އެ މީހަކަށް ދޭން ޖެހޭނީ ފަހުން ހެދި ގާނޫނުގައި ބުނާ ލުއި އަދަބެވެ.
ކުރީގެ ގާނޫނުލް އުގޫބާތު އޮންނަ ގޮތުން ޚިޔާނާތްތެރިވާ ފައިސާގެ އަދަދު 10،000ރ. އަށް ވުރެ އިތުރުވާ ނަމަ، އިތުރުވާ ކޮންމެ 1،000ރ. އަކަށް އެއް މަސް ދުވަހުގެ އަދަބެއް އިތުރުވާނެ އެވެ.
އެކަމަކު މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. އެހެންވެ، އެ 15 ދައުވާ ސާބިތުވިޔަސް ޒިޔަތަށް އަންނާނީ 45 އަހަރުގެ ހުކުމެއް ކަމަށް ބެލެވެ އެވެ. އަދި ކުށަށް އިއުތިރާފްވެއްޖެ ނަމަ އެއަށް ވުރެ ވެސް އަދަބު ލުއިވާނެ އެވެ.
މިއަދު ކުރިއަށް ގެންދިޔަ 15 މައްސަލަ ފިޔަވައި، ބާކީ އޮތް 15 މައްސަލައިގެ އަޑުއެހުންތައް އަންނަ އަންގާރަ ދުވަހު ބާއްވާނެ އެވެ.
ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވިކަން ސާބިތުވެގެން ޒިޔަތު މިހާރު ވެސް ގެންދަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސް
14 November 2017
ކިތަންމެ ވަރަކަށް ޚިޔާނާތެއް ނުވަމޭ ބުންޏަސް ތިއޮތީ ޚިޔާނާތްވެވިފައި. ޚުދު ވަކީލުވެސް އެވަނީ އެއްބަސްވެފައި. އަދީބާއި ޗެކުތައް ހަވާލުކުރަންޖެހޭ ސަބަބެއްނެތް.
ފޮނިޓައްޕު ހަސަނު
12 November 2017
މި ސޮރުމެންނަށް މިހާރު ހުންނާނީ ދުނިޔޭގެ ދެކޮޅު ފެނިފައި. ހަތަރު އުދަރެސް ފެނުގައި ޖެހިފައި. ވިޔާ ނުދާމީހުންނާ އެކީ އުޅުމުން ތިހިރީ ވާނެ ހަތަރެއްޗެއްވެ ނިމިފައި. ސިންގަޕޫރުގެ މެރީނާ ސޭންޑް ބޭ ހޮޓަލުން މާފުށީ ޖަލުގެ ކުޑަ ގޮޅި.
މަރިޔަމް
12 November 2017
މަރު ވާނެކަން ނުދަންނަ މީހުން ހުސް.. ބޯހަލާކު
މުކައްބަ
12 November 2017
15،000 އެއްހާ އަހަރުގެ ޖަލު ހުކުމެއް !!!!!!!!!!!!
އޭނަ މީނަ އައްޑޫ ސިޓީ
13 November 2017
ޢުމުރު ހުސްވެގެން މަރުވީމާ 15000 އަހަރުގެ ޙުކުމްގެ ބާކީ ބަޔަށް އިލާހީ ޤާނޫގެ ދަށުން ޢަދްލުވެރިކަމާއެކު އަލުން އިންޞާފުވެރި ޙުކުމެއް ކުރެވި ޒިޔަތަށް ޙައްޤުވާ މިންވަރަށް އަދަބު ކަނޑައެޅި ގެންދާނެ ކަން ޔަޤީން. އަދި މިކަމުގެ އަޑީގައި ޒިޔަތުގެ ނިވަލުގައި ތިބެ މިފައިސާތައް އަތުޖައްސާ ޚިޔާނަތްތެރި ވި މީހުންނަށް ވެސް ދާދި އަވަހަށް ތަފާތުކުރުމެއްނެތް ހަމަހަމަ އިލާހީ ޤާނޫން ތަންފީޒު ކުރެވޭނެ ކަމީ ޝައްކެއް ހުރިކަމެއްނޫން.
ބޯގަމާރު
12 November 2017
ގައިމު ތަނަކުން ލިއުންތަކެއްގައިވެސް ރޯވެއްޖެޔޯ . ޚަބަރު ކިޔާކުދިން ކިޔާތީ އަޑުއެހިން.
ހޮނޑާފުށީ ބޮޑުހުސޭނު
12 November 2017
ތިޔާ މައްސަަލަޔަކަށް ވެގެން ތިއުޅެނީ ނާކޮޅުގަ އެއްޗެއް ގޮވިފަހުން ، އެހެންނޫންނަމަ ތިޔަކީ އެއްވެސް މައްސަލަ އެއްނޫން ، ތިޔައީ އެއްކަލަ ޑޮލަރު ވަންނަން ވެރިމީހާ ހައްދަވާފަ އޮތް އެކައުންޓަށް ވަންނަން ޖެހޭ ފައިސާ ، މައްސަލަޔަކަށްވީ އެއެކައުންޓަށް ނުވަދެ ވީނުވީ ތަނެއް ނޭގުނީތީ ،
ފާގަ ހަސަނާގެ ދޮންއަމާ
12 November 2017
15000 އަހަރުގެ ޖަލު ޙުކުމެއް؟؟؟؟؟؟!!!!!!
އިބުރާހީމް ރަޝީދު
12 November 2017
ރާއްޖޭގެ ޓުރިޒަމް ޕްރޮމޯޓްކުރަން އުފެއްދިކުންފުންޏަކަށް ކީވެގެންތޯ ރައްތަކާއި ފަޅުތަކާއި ގިރިތަށް އެކުންފުންޏަށް ވިއްކެންވީ. އެހެންވީމާ އަޅުގަނޑަށް މިއުޅެނީ ރައްތަކާއި ފަޅުތަކާއި ގިރިތައް ވިއްކައިގެން ފައިސާ އެކުންފުނަޏަށް ވަންނަންޖެހޭ ސަބަބެއް ނޭގިގެން.
މުލީ ހަސަން
12 November 2017
ދެން ކިހާވަރެއް ވީމަބާ ޚިޔާނާތަކަށް ވަނީ! މި އެންމެންވެސް މިހާރު ހުރިހާ ކަމެެއް ކަނޑާލަނީ އަދީބު ބޮލަށް! ބަލަގަ އަދީބު ބުންޏަސް އުސް ކާފަ ބުންޏަސް، ކުންފުންޏަކަށް ލިބޭ އާމްދަނީ ގެ ފައިސާ ޖަމާ ކުރަން ޖެހޭނީ އެކުންފުންޏެއްގެ އެކައުންޓަކަށް، އެހެންމީހެއްގެ އަތަކަށް ނޫނީ އެހެން ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާ ކުރާކަށް ނުޖެހޭ! މި ވަރު ނޭނގޭ މީހުން ތަންތަނުގެ އެމްޑީންނަށް ތިބެނީ ކީއްކުރަން ބާވެއޭ ހިތަށް އަރާ!
އަދީބު
12 November 2017
ނޭގިގެނެއްނޫން... މަތީފަޑީގެ ތިބި އެންމެންގެ ނެޓުވޯކެއްގެތެރެއިން ކުރިބޮޑުވައްކަމެއްތިޔައީ... އެކަން އެގޭނޫންހޭ ބައިއަޅަމުންދިޔައިރު އެކިވެރިންގެ އެކައުންޓުތަކަށް މިލިޔަނުން ޑޮލަރުޖަމާކޮށްފައިހުރިގޮތުންވެސް.... ވެރިކަން ބަދަލުވުމާއެކު އެފައިސާ ލިބުނު ހުރިހާއެންމެންގެ ޝަރީއަތް ހިންގޭނެކަމަށް އުއްމީދުކުރަން...
އުނބުށެން
12 November 2017
އެ ތަންތާނގައި ކޭޝިއަރެއްވެސް ނުހުންނަނީތަ. އެންމެ އިސްވެރިޔާގެ އަތަށް ޗެކްދިނީމާ އޭނާ އަނެއް ތަނެއްގައި ހުންނަ މިނިސްޓަރެއްގެ އަތަށް ޗެކްދިނީމާ، އޭގައި އޮތް ނަން ނޫން އެހެން ނަމެއްގެ އެކައުންޓަކަށް ޗެކްގައި ހުރި ފައިސާ ވަންނަމުން އެހާދުވަސް ވަންދެން ދިޔައިރުވެސް އަދީބު ނޫނީ އެކަން ދެނެހުރި މީހަކުވެސް ހުރިކަމަށް ނުވީމާ މިއީ ބޮޑު އަރަތަކަށް ނުވޭތަ.