ކުޅުދުއްފުށީ ރައްޔިތުންގެ ހުވަފެން މިއަދު ހަގީގަތަކަށް ވާނެ: މުއިއްޒު

ހދ. ކުޅުދުއްފުށީގެ ރައްޔިތުން ދެކެމުން އައި އެއާޕޯޓުގެ ހުފަވެން މިއަދު ހަގީގަތަކަށްވެ، ތަރައްގީގެ ފުރުސަތުތައް އިންތިހާ އަށް ހުޅުވިގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ކުޅުދުއްފުށީގައި އެމްޑަބްލިއުއެސްސީން ގާއިމްކުރާ ފުޅީގައި ފެން ބަންދުކުރާ ފެކްޓްރީ އިފްތިތާހުކޮށްދެއްވުމަށް ފަހު މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ ރަށުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އޭގެތެރެއިން ވެސް ރައީސް އަބްދުﷲ ޔާމީން މިއަދު އިފްތިތާހުކޮށްދެއްވާ އެއާޕޯޓާ އެކު ރައްޔިތުންނަށް އެތައް އުފަލެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ކުޅިން ބައެއް ހިއްކައިގެން އަޅާ އެއާޕޯޓް އިފްތިތާހްކުރަން އެ ރަށުގައި "އުދުހޭ"ގެ ނަމުގައި ބޮޑު ޖަލްސާއެއް މިރޭ ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ޖަލްސާގައި ރައީސް ޔާމީންގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ހައުސިން މިނިސްޓްރީގެ ރަސްމިއްޔާތެއްގައި މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގެ ތަރައްގީ އަށް ރައީސް ޔާމީން ރާއްވަވާފައިވާ މަޝްރޫއުތައް ބަލައިގަނެ، ރައްޔިތުން ތިބީ ތަރައްގީއާ އެކު ކުރިއަށް ދާށެވެ. އެއާޕޯޓު އަޅަން ބިން ހިއްކަން އެ ރަށަށް ގެންގޮސްފައި އޮތް މަހާޖައްރާފަށް އެ ރަށުން ދިން ފަރިވަޅުން ވެސް ރައްޔިތުން ހިތްހަމަޖެހިފައި ތިބި މިންވަރު ސާފުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ކުޅުދުއްފުށީ ރައްޔިތުން ތިބީ ތަރައްގީ އަށް ފެން ބޮވައިގެންފައި. މި ރަށުން ފެންނަމުން ދަނީ އެ މަންޒަރު،" މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އެއާޕޯޓަކީ އެ ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް ފައިދާވާނެ އެއާޕޯޓެއްކަން ފާހަގަކުރައްވައި ވިދާޅުވީ އެ ރަށުގައި މިއަދު މަސައްކަތް ފެށި ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއަކީ ވެސް މުޅި ސަރަހައްދަށް އަމާޒުކޮށްފައިވާ ތަނެއް ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީގައި ގާއިމްކުރާ ފެން ކާރުހާނާއަކީ މާލޭގައި ފެން އުފައްދާ މިންވަރަށް ވުރެ ވެސް ދެ ގުނަ އިތުރަށް ގަޑިއެއްހާއިރު ތެރޭގައި އުފެއްދޭނެ ތަނެކެވެ. އެ މަޝްރޫއު ރާވާފައި އޮތް ގޮތަށް ބަލާއިރު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް ފައިދާއެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީއެއް އޮންނަ ކުޅުދުއްފުށީ ކުޅި އާއި ފަޅުން ބައެއް ހިއްކަނީ އެމްޓީސީސީގެ 35 މިލިއަން ޑޮލަރުގެ އާ ކޮންނަ ބޯޓު މަހާ ޖައްރާފު ބޭނުންކޮށްގެންނެވެ. ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ 12 ވަރަކަށް ހެކްޓަރުގެ ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް ރާއްޖޭގެ 13 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.