މީރާ ހިންގާ އިމާރާތް: މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ ހަތަރު ޕަސެންޓް އިތުރަށް އާމްދަނީ ލިބުުނު ކަމަށް މީރާއިން ބުނޭ .---މިހާރު ފޮޓޯ
13 ނޮވެމްބަރ 2017 - 17:14
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 983 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާއިން އާންމުކުރި ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 983 މިލިއަން ރުފިޔާއަކީ އެ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 10 ޕަސެންޓް އިތުރު އަދަދެކެވެ. ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި މިދިޔަ މަހާ ދިމާވުން ކަމަށް މީރާއިން ބުންޏެވެ.
އެ ހިިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 539 މިލިއަން ރުފިޔާ ލިބުނުއިރު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ހިއްސާކުރަނީ ޓޫރިޒަމް ލޭންޑް ރެންޓެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 128 މިލިއަން ރުފިޔާ ލިބުނެވެ.
މިދިޔަ މަހު ލިބުނު 983 މިލިއަން ރުފިޔާގެ ތެރޭގައި 38 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ. މި އަދަދާ އެކު، މިއަހަރުގެ މިހާތަނަށް މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ 12 ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިކަލޯ
14 November 2017
ޖީއެސްޓީގެ ގޮތުގައި 539 މިލިއަން ރުފިޔާ ލިބުނުއިރު މިފައިސާއިން އެއްވެސް ޢަދަދެއް ރައްޔަތުންގެ މަޖުލީހުގެ މެންބަރަކު ދެއްކިތޯއެވެ.