އިމިގްރޭޝަންގެ އާމްދަނީގެ ރެކޯޑް ބަލަހައްޓާފައި ވަނީ ގަވާއިދާ ޚިލާފަށް: އޮޑިޓް ރިޕޯޓް

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް އިމިގްރޭޝަނަށް ލިބޭ އާމްދަނީގެ ރެކޯޑްތައް ބަލަހައްޓާފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައި މިއަދު ބުނެފި އެވެ.


އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވައި އޮޑިޓް އޮފީހުން ނެރުނު އިމިގްރޭޝަންގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނީ ދައުލަތުގެ ތަންތަނަށް ލިބޭ ފައިސާގެ ރެކޯޑު ބަލަހައްޓަންވާނެ އުސޫލެއް ކަނޑައަޅާފައި އޮތް ނަމަވެސް އިމިގްރޭޝަނުން އެ އުސޫލްތަކާ އެއްގޮތަށް ރެކޯޑު ބަލަހައްޓާފައި ނުވާ ކަމަށެވެ. އެގޮތުން ޖެނުއަރީ، 1، 2015 އިން އެ އަހަރުގެ ފެބުރުއަރީ، 7، 2015 ގެ ނިޔަލަށް 3.8 މިލިއަން ރުފިޔާ ސާވިސް އިލެކްޓްރޯނިކް އެންކޯޑަޑް ސިސްޓަމުން ބަލައިގެންފައިވާ ކަމަށް އިމިގްރޭޝަން ރިޕޯޓްތަކުން ދައްކިޔަސް އެ ފައިސާގެ ތަފްސީލް އެ ސިސްޓަމްގެ ތެރެއިން ބެލޭނެ ނިޒާމް ފަރުމާކުރެވިފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އިމިގްރޭޝަނުން އާއްމުކޮށް ފައިސާ ބަލައިގަތުމުގައި ބޭނުންކުރާ ކޮމްޕިއުޓަރު ސިސްޓަމްތަކުގެ ބޭރުން، އަތުން ލިއެގެން ރަސީދު ހަދާ މައްސަލަ ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓްގައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް އިމިގްރޭޝަނަށް ވަންނަ އާމްދަނީގެ ބައެއް، އަތުން ރަސީދު ލިއެގެން ބަލައިގެންފައިވެ އެވެ. މިގޮތަށް ހަދާފައިވާ ރަސީދުތައް އޮޑިޓް އޮފީހަށް ފޯރުކޮށްދީފައި ނުވާތީވެ، 2015 ގައި އިމިގްރޭޝަނަށް ލިބުނު 4 މިލިއަން ރުފިޔާގެ ސައްހަކަން ކަށަވަރުނުވާ ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.

އޮޑިޓް އޮފީހުން ބުނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ލޭބަ ރިލޭޝަން އޮތޯރިޓީގެ ހަރު މުދަލުގެ ތަފްސީލުތައް ވެސް ބަލަހައްޓާފައި ނުވާ ކަމަށެވެ. އެހެންކަމުން، އަހަރު ނިމުނުއިރު ހަރު މުދަލުގެ އަގުގެ ގޮތުގައި ބަޔާންކޮށްފައިވާ 36 މިލިއަން ރުފިޔާ އަކީ ވެސް ސައްހަ އަދަދެއްކަން ޔަގީން ނުކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.

އިމިގްރޭޝަން މެދުވެރިކޮށް ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރި ނަމަވެސް އޮޑިޓް ރިޕޯޓުގައި ވަކިވަކި މައްސަލަތައް ފާހަގަކޮށްފައެއް ނުވެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެ މާލީ ހިސާބުތައް ބަލަހައްޓާފައި ވަނީ، ޖުމްލަކޮށް ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އުސޫލްތަކުން ބޭރުން ހިންގާފައިވާ ބޮޑު މައްސަލަތަކެއް ރިޕޯޓުގައި ފާހަގަކޮށްފައެއް ނުވެ އެވެ.