ލިޓްރެސީއާ ހިސާބު މާއްދާގެ ގައުމީ ޕްލޭން ލޯންޗުކޮށްފި

ލިޓްރެސީއާ ހިސާބު އިލްމުން ދަރިވަރުން ހޯދަމުން އަންނަ ނަތީޖާ ރަނގަޅު ކުރަން ގައުމީ ސްޓްރެޓެޖީ ޕްލޭނެއް މިއަދު ލޯންޗުކޮށްފި އެވެ.


ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ފަސް އަހަރު ދުުވަހުގެ އެ ޕްލޭން ލޯންޗުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި ޔުނީސެފު ގުޅިގެން ތައްޔާރުކުރި މި ޕްލޭން ތަންފީޒުކުރާނީ ކީ ސްޓޭޖް އެކެއް އަދި ކީ ސްޓޭޖް ދޭއްގެ ގްރޭޑު ތަކުގަ އެެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ 2013 ވަނަ އަހަރު އޯ ލެވެލް ހިސާބު މާއްދާއިން ފާސްވީ 49 ޕަސެންޓު ދަރިވަރުން ކަމަށެވެ. އަދި އިނގިރޭސި މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 39 ޕަސެންޓުގައި އުޅުނުއިރު، އިތުރަށް މަސައްކަތް ކޮށްގެން ފާސްވި ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.

ހިސާބާއި ލިޓްރެސީގެ ގައުމީ ސްޓްރެޓެޖީ ޕްލޭން ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު އޯ ލެވެލްގެ ހިސާބު މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު 60 ޕަސެންޓުގައި އުޅުނުއިރު، އިނގިރޭސިން ފާސްވީ 50 ޕަސެންޓު ދަރިވަރުން ކަމަށެވެ.

"ރާއްޖޭގެ ދަރިވަރުންގެ ތޫނު ފިލި ކަމާއި އަދި ތައުލީމީ ކަންތައްތައް މިހާ ފުޅާވެފައި ހުރި މިންވަރުން މީގައި އިތުރަށް ބަލަންޖެހޭ އަދި ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން ގަބޫލުކުރެވުނު. އެ މަސައްކަތްތަކުގެ ނަތީޖާއެކު 2016 ވަނަ އަހަރު 50 ޕަސެންޓާ ހަމައަށް އިނގިރޭސި މާއްދާއިން އަދި ހިސާބު މާއްދާއިން 60 ޕަސެންޓާ ހަމައަށް މަތިކުރެވިފައި. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ދުނިޔޭގައި ކުރިއަރަމުންދާ ތަފާތު ދާއިރާތަކަށް ބަލާއިރު، ހިސާބު އިލްމާއި އިނގިރޭސިން ކުރިއަށް ދިއުމަކީ ކޮންމެހެން ބޭނުންވާ ކަމެއްކަން،" އާއިޝަތު ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހިސާބާ ގުޅުން ހުރި އެހެން މާއްދާތަކުން ވެސް ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް އިތުރު ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އޭގެ އެއް ހެއްކަކީ މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އޭ ލެވެލް އިމްތިހާނަށް ދަރިވަރުންނަށް ބޮޑު އެހީތެރިކަން ބޭނުންވުން ކަމަށް ވިދާޅުވި އެވެ.

ހިސާބާއި ލިޓްރެސީގެ ގައުމީ ސްޓްރެޓެޖީ ޕްލޭން ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަދައްަކަވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަލަށް އަމަލުކުރަން ފެށި މަންހަޖަކީ ދިރިއުޅުމަށް ދަރިވަރުން ތަމްރީނު ކޮށްދޭ އެއްޗެއް ކަމަށާއި އެއިން ދަރިވަރުންގެ ހުނަރުތައް ތަރައްގީ ވުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އެންއީއައިގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރު ފާތިމަތު ޝަހީމާ ވިދާޅުވީ ހިސާބާއި ލިޓްރެސީން ދަރިވަރުން ހޯދަން ބޭނުުންވާ ޓާގެޓުތައް ކަނޑައަޅާނެ ކަމަށެވެ. އެގޮތުން އެ އަމާޒަށް ވާސިލްވުމަށް ދަރިވަރުން ގޭގައި އުޅޭއިރު ވެސް މަސައްކަތް ކުރަން ޖެހޭ ގޮތްތައް ބެލެނިވެރިންނަށް ކިޔައިދޭނެ ކަމަށް ވިދާޅުވި އެވެ.

ޝަހީމާ ވިދާޅުވީ އެ ޕްލޭނާއެކު އަންނާނެ އެންމެ ބޮޑު ބަދަލަކީ ކްލާސްރޫމުގައި ދަރިވަރުންނަށް ހަވާލުކުރާ މަސައްކަތްތައް ކަމަށެވެ. އެގޮތުން ފޮތްތައް ކިޔާއިރު ސަމާލުކަން ދޭން ޖެހޭ ކަންތައްތަކަކީ ކޮބައިކަމާއި ހިސާބުން ދަސްވާ ކަންތައްތައް އަމިއްލަ ދިރިއުޅުމުގައި ބޭނުންކުރާނެ ގޮތްތައް ދަސްކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.