ފުލުހުންނަށް ދިން އިންޒާރާއެކު މާނިއު މަގާމުން ވަކިކޮށްފި

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިން ހުރަސްއަޅާ ކަމަށާއި އެގޮތަށް އަމަލުކުރާ އޮފިސަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށް އެ ކޮމިޝަނުގެ ރައީސް ޔޫސުފް މާނިއު މިއަދު މަގާމުން ވަކިކޮށްފި އެވެ.


ފުލުހުންނާ ގުޅުން ހުރި މައްސަލަތައް ބެލުމަށް 2015 ވަނަ އަހަރު އުފެއްދި އެ ކޮމިޝަނުން މާނިއު ވަކިކޮށް، ރައީސް އޮފީހުން މިއަދު ވަނީ އޭނާ އަށް އެކަން އަންގައިފަ އެވެ.

މާނިއު މަގާމުން މި ވަކިކުރީ، ފުލުހުންނާ ގުޅޭ ތަހުގީގުތަކަށް ނުފޫޒު ފޯރުވާތީވެ އެ ތަހުގީގުތައް ކުރިއަށް ނުގެންދެވޭ ކަމަށް ބުނެ ސޯޝަލްމީޑިއާގައި މިދިޔަ ހަފުތާގައި ފާޑުވިދާޅުވެފައި ވަނިކޮށެވެ.

އޭނާ ވިދާޅުވެފައި ވަނީ ފުލުހުންނާ ގުޅުން ހުރި ގިނަ މައްސަލަތަކެއް އެތަނަށް ހުށަހަޅާފައިވާއިރު އެ މައްސަލަތައް ބެލުމަށް ފުލުހުންގެ އިސްވެރިންގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދި ސިޓީ ފޮނުވައިގެންނާއި މަޝްވަރާކޮށްގެން މިހާތަނަށް އެކަމަށް ހައްލެއް އައިސްފައި ނުވާތީ، އެ ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ވެސް މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ބައެއް މައްސަލަތައް އެބަހުރި ގިނަވެގެން މަހެއްހާ ދުވަހުގެ ތެރޭގައި ވެސް ނިންމާލެވޭނެ. އެކަމަކު ފުލުހުންގެ ކަމާ ބެހޭ ފަރާތްތަކާ ނުގުޅި، އެ ބޭފުޅުންގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މައްސަލަތައް ނުބެލި އެބަ އެތައް މަހެއް ހޭދަވޭ،" ކުރިން ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވި މާނިއު ވިދާޅުވެފައިވެ އެވެ.

ސަރުކާރުން އެންއައިސީ އުފެއްދީ، ފުލުހުންގެ މައްސަލަތައް ބެލުމަށް ކުރިން އޮތް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އުވާލުމަށް ފަހު އެވެ. އަދި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން އައި މައްސަލަތަކާއި އިމިގްރޭޝަން އަދި ކަރެކްޝަނަލް ސާވިސްގެ މައްސަލަތައް ވެސް މިހާރު ބަލަނީ މި ކޮމިޝަނުންނެވެ.