ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހް، ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް
29 ނޮވެމްބަރ 2017 - 23:51
ޑިމޮކްރަސީގައި ކަންކަން ނިންމާނީ ވާހަކަ ދައްކައިގެން ކަމަށާއި އަތްފައި އިސްކޮށްގެން ޑިމޮކްރަސީގައި ކާމިޔާބު ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން ދެއްކެވި ވާހަކައިގައި މަސީހް ވިދާޅުވީ، މަޖިލީހުން މި ދައުރުގައި ކުރި ހުރިހާ މަސައްކަތަކީ ވެސް ރައްޔިތުންނަށް ފައިދާ ހުރި، ރައްޔިތުންނަށްޓަކައި މެމްބަރުން ކުރެއްވި ކަންކަން ކަމަށެވެ. މިއީ އެންމެންގެ ގައުމު ކަމަށްވާއިރު، ހުރިހާ ކަމެއް ވެސް ކުރަން ވާނީ އިސްލާމީ ރިވެތި އުސޫލުގެ ތެރެއިން ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.
"ޑިމޮކްރަސީގައި ކަންކަން ކާމިޔާބުކުރަން ވާނީ ވާހަކަ ދައްކައިގެން. އަތްފައި އަޅުގަނޑުމެން އިސް ނުކުރާނެ. އަނގަ ކަސްރަތު ނުކުރާނެ އެހާ ވަރަަކަށް އެގޮތަށް." މަސީހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެހެން ބަޔަކު "ސްމާޓް ނިންމުންތައް" ނިންމި ނަމަވެސް މެމްބަރުން އަމިއްލަ ނަފްސަށް އަނިޔާ ލިބޭ ގޮތަށް އުޅުން ރަނގަޅެއް ނުވާނެ ކަމަށެވެ.
މަސީހު އެހެން ވިދާޅުވިއިރު، މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރާއި ފަހު ދައުރުގެ ގިނަ ޖަލްސާތަކުގައި އިދިކޮޅު މެމްބަރުން ވަނީ މަސީހާ ދެކޮޅަށް އަޑު ގަދަ ކުރައްވައި އިހްތިޖާޖް ކުރައްވައިފަ އެވެ. އިދިކޮޅު މެމްބަރުން ކެނޑިނޭޅި އިހްތިޖާޖް ކުރައްވަނީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލި މައްސަލައިގަ އެވެ.
އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ، އޭގައި ސޮއިކުރެއްވި ޕީޕީއެމްގެ ގިނަ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އެދުމާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމި އެ ނިންމުމާ އެކު، މަޖިލީހުގެ ރައީސްކަމުން މަސީހު ދުރުކުރުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަނުވާ ކަމަށް މަޖިލީހުގެ ރިޔާސަތުން ކަނޑައަޅައި، އެ މައްސަލަ އެޖެންޑާއެއް ނުކުރެ އެވެ.
މަސީހު މިރޭ ވިދާޅުވި ގޮތުގައި މަޖިލީހުގެ މަސައްކަތުގެ އުފެއްދުންތެރިކަމުގެ މި އަހަރުގެ ރޭޓަކީ 95.7 ޕަސަންޓެވެ. އަދި މި އަހަރު މަޖިލީހަށް ހުށަހެޅި 45 މައްސަލައެއް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން، މަޖިލިސް ދެ މަސް ދުވަހުގެ ޗުއްޓީއަކަށް މިރޭ ދަނީ އުފެއްދުންތެރި މަސައްކަތްތަކެއް ކުރުމަށް ފަހުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"18 ވަނަ މަޖިލީހުގައި މިއަދުގެ ނިޔަލަށް 431 މައްސަލަ ނިންމައިފި. މިއަދުގެ ނިޔަލަށް ޕްރޮޑަކްޓިވިޓީ ރޭޓަކީ 98.6 ޕަސަންޓު،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ޗައިނާއާއެކު މިނިވަން ވިޔަފާރީގެ ގުޅުން ގާއިމް ކުރުމުގެ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށް، ދެ މަސް ދުވަހުގެ ޗުއްޓީއަކަށް މަޖިލިސް ވަނީ ގޮސްފަ އެވެ. އަންނަ އަހަރާ އެކު މަޖިލިސް ފަށާނީ ފެބްރުއަރީމަހުގެ ކުރީކޮޅުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެގެ އެސޮރު
30 November 2017
އެއީ ތެދެއް އަސްލު ޑިމޮކްރަސީީ އަކީ ކަރެޕްޝަނާއި ރިޝްވަތާއި ވައްކަން އަރާއިނދެ މަޖުލިސްގެ އަގުލަބިއްޔަތާއި ރައްޔިތުންގެ ނުރުހުމާއި ތާއިދު ނެތި ސިފައިންނާއި ފުލުންނާއި މުއައްސަސާތައް ބޭނުންކޮށްގެން އެރުނުހާ މައްޗަކަށް އަރާއިންދެގެން ވަށައިގެން ކޮންކުރީޓު ފާރެއްރާނައިގެން ނަމަވެސް މަގާމު ދިފާއުކުރުން
އުމަރު
30 November 2017
މަސީހު ކުރިން ބުނީ ޑިމޮކްރަސީގައި ކަންކަން ނިންމާނީ މެޖޯރިޓީން ކަމުގައި، މެޖޯރިޓީން މަޖިލިހުގެ ރައީސް ވަކިކުރަން ނިންމީމަ އެކަން ގަބޫލު ނުކުރީމަ ޑިމޮކްރަސީ ބަދަލުވީ އަތްފައި އިސްކޮށްގެން ކަންކަން ނިންމަން، އެކަން އެގޮތަށް ހަމަޖެހުނީ މަސީހް މަޖޯރިޓީގެ ރީތި އުސޫލު ގަބޫލުނުކޮށް ސަރުކާރުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ގޮނޑީގައި ހުންވަން ހަދައިގެން، އަދި ޑިމޮކްރަސީއަކީ އެހެން މީހުން ދައްކާ ވާހަކަ އަޑުނައަހަން ހެޑްފޯން އަޅައިގެން ތިމާގެ އަމިއްލަ ނަފްސު އެކަނި އަޑުއެހުމެއްނޫން
ފެންނަބެ
30 November 2017
މަސީހު ދައްކާވާހަކަ ގަބޫލުކުރާމީހުން މިހާރު ވަރަށް މަދުވާނެ! ޑިމޮކްރަސީއަކީ އެމީހަކަށް ފެންނަބަސްބުނުން! އެކަން ހަޖަމުނުވެގެން އުސްފާރެއްގެމަތީ ތިޔަ އިންނަނީ! ޑިމޮކްރަސީއާބެހޭ ކޯހެއްހަދައިގެންއައިސް ވާހަކަ ދެއްކުން ރަގަޅުވާނެ!
ގަބުޅި
30 November 2017
ބޭފުޅާ ތިޔަމޭރުމުން ތިޔަ ވާހަކަދައްކަވަނީ ރައިއްޔަތުން ލައްވާ މަނިކުފާނަށް ބަދުބަސް ބުނުވާ ހިތުން ނުހުރެވިގެން ތޯއެވެ؟
ސަރުކާނު
30 November 2017
މަސީހަށް އޮޅިވަޑައިގަތީތީ ހިތާމަކުރަން. ޑިމޮކްރަސީގައި އޮންނާނީ ހުޅުޖެހުމާ އައުގުރާނަ ގޮވުމާ މާރާމާރީ ހިނގުން. ވަރަށް ސަލާމް.
falaku ain
30 November 2017
އެހެންވެގެންދޯ މަޖިލީހުގެ ގޮނޑި 1000 ފޫޓުމަތީގައި ބަހައްޓައިގެން ވަށައިގެން ސިފައިންނާއި ފުލުހުން ބަރިބަރިއަށް އަތުރައިގެން ނުފައިބާ ތިއިންނަނީ.
ޝަހީދު
30 November 2017
މަސީހުއަކީ ފަޚުރުވެރި ދިވެހި ބަޠަލެއް. ސާބަހޭ
ހަސަނު
30 November 2017
ޑިމޮކްރަސީއަކީ ގަދަ ބާރުން މަގާމުގެ ގޮނޑިއަށް ސަވާރުވެ އިނުން.... ދެން އެހެންމީހުން ރީތިކޮށް ތިބެން އެދުން....
ތަފާތު
30 November 2017
އަސްލު ޑިމޮކްރަސީއާ ދިވެހިންގެ ޑިމޮކްރަސީއާ ތަފާތީ. އެހެންވެ ދިވެހި ޑިމޮކްރަސީގަ ހުރިހާ އެއްޗެއް އިސްކޮށްގެން މެސެޖް ދެވޭ ގޮތްވަނީ. ގައުމުގެ ވެރިންނަށާ ތަންތަނުގެ ވެރިންނަށް އަރާ ބޭފުޅުންނަށް ޑިމޮކްރަސީ ދަސްނުވެ އަރާތީ ހުރިހާވެސް މައްސަލައަކީ.
އިބްހަމް
30 November 2017
ނާތެދެއް! 7 ފެބްރުއަރީގައި ފުލުހުންގެ އަދި ޑެފެންސްގެ އިމާރަތަށް ގެއްލުންދިނީ ކޮން ބައެއްތޯ؟ ވަރަށް ސަލާން