ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން "އޯޗީ" އާ ގުޅިގެން ރާއްޖެ އަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކުގައި ފެން ބޮޑުވެ، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ވިއްސާރައާ ގުޅިގެން މިހާތަނަށް އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ ދ. މީދޫގެ އިތުރުން ޅ. ހިންނަވަރު، ނައިފަރު، ނ. މިލަދޫ، ފ. މާއުނގޫދު އަށެވެ. އެގޮތުން އެ ރަށްރަށުގެ ބައެއް ގޭގޭގައި މީހުން ދިރިނޫޅެވޭ ވަރަށް ފެން ބޮޑުވެގެން އެހެން ގޭގެ އަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ބައެއް ގޭގޭގެ ހިފައި ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ފަދަ ތަކެއްޗަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ހިންނަވަރު ކައުންސިލް މެމްބަރު އާދަމް އަނީސް ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް އެ ރަށުގެ 50 ގެއަކަށް ވަނީ ފެން ވަދެފަ އެވެ. އެކަމަކު އެއްވެސް ގެއެއްގައި ހުރި ތަކެއްޗަށް ގެއްލުން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މީހުން ދިރިނޫޅެވޭ ވަރަށް އެއްވެސް ގެއަކަށް ފެން ނުވަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"ފަސް ޕަމްޕު ޖައްސައިގެން ފެން ހިއްކަމުން މިދަނީ ރައްޔިތުންގެ އެހީތެރިކަމާ އެކު. ވާރޭވެހުން މި ވަގުތަށް ހުއްޓާލާފައި އޮތަސް، އަނެއްކާ ވެސް ވިލާގަނޑެއް ނަގާފައި އޮތީ،" އަނީސް ވިދާޅުވި އެވެ.
ނައިފަރު ކައުންސިލް މެމްބަރަކު ވިދާޅުވީ އިއްޔެ ހެނދުނުން ފެށިގެން އެ ރަށަށް ކުރި ވިއްސާރައިގައި މުޅި ރަށުގައި ފެން ބޮޑުވެ 10 ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ. އަދި އެއް ގޭގައި މީހުން ދިރިނޫޅެވޭ ވަރަށް ފެން ބޮޑުވުމުން، އެގޭ މީހުން އެ ރަށު ދަނާލަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ނައިފަރަކީ މި ވިއްސާރައިގައި އެންމެ ބޮޑަށް ފެން ބޮޑުވި އެއް ރަށެވެ.
ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ކުޑަފަރީ ގެއަކަށް ވެސް ރޭ ވަނީ ގެއްލުން ލިބިފަ އެވެ. ކުޑަފަރީ ކައުންސިލް މެމްބަރު ޖަލްދާން އާދަމް ވިދާޅުވީ ވައިގަދަވުމުގެ ސަބަބުން ގެއްލުން ލިބުނީ މީހުން ދިރިނޫޅޭ ފަޅު ގެއަކަށް ކަމަށެވެ. އެ ގޭގެ ފާރު ވެއްޓި ބަދިގެ އަށް ގެއްލުން ލިބިފައިވެ އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
މިލަދޫ ކައުންސިލް މެމްބަރު އަބްދުލް މުއްތޮލިބް އަބްދުއްސަމަދު ވިދާޅުވީ އެ ރަށަށް ކުރަމުން އަންނަ ވިއްސާރައިގައި ގާތްގަނޑަކަށް ހަތް ގެއަކަށް ފެން ވަދެ، ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ފިން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބުނީ. ބައެއް ގަސްތައް ވެސް ވެއްޓިފައި ވަނީ. ހަތަރު ފޫޓަށް ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައި ވަނީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
މީގެ އިތުރުން ވިއްސާރައާ ގުޅިގެން އުތުރުގެ ބައެއް ރަށްރަށަށް ދަނީ ގެއްލުން ލިބެމުންނެވެ. އަދި އިތުރަށް ގެއްލުން ލިބިދާނެ ކަމަށް ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.
މެޓް އޮފީހުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު 10:30 އިން 15:30 ގެ ނިޔަލަށް ހއ. އަތޮޅާއި ކ އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ވަނީ ނެރެފަ އެވެ. މެޓުން ބުނި ގޮތުގައި އެވްރެޖް ގޮތެއްގައި އެ ސަރަހައްދަށް 30 މޭލާއި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.