ފްލެޓް ވިއްކުން މެދުކަނޑާލައިފި

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތައް ވިއްކުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.


ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރި 264 ފްލެޓްގެ ތެރެއިން 105 ފްލެޓް ވިއްކުމުގެ ފޯމް ހޯދުމަށް ދެ ދުވަސްކުރިން މިއަދު ގިނަ ބަޔަކު ކިޔޫ ހެދުމާ ގުޅިގެން، ހައުސިން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިއްކާ އެ ފްލެޓް ގަތުމަށް "ރައްޔިތުން ކިޔޫ ހަދަން ޖެހުމަކީ ސަރުކާރުން ގަބޫލު ކަމަކަށް" ނުވާ ކަމަށެވެ.

"...ފަސޭހަ ގޮތެއް ހަމަޖެއްސުމަށް، މި ފްލެޓްތައް ވިއްކުން މަޑުޖައްސާލެވިފައިވާ ވާހަކަ ދަންނަވަން،" މުއިއްޒުގެ ޓްވީޓްގައިވެ އެވެ.

ސަރުކާރުގެ މި ނިންމުން އައިއިރު، ފްލެޓްތައް ގަތުމުގެ ފޯމް ހޯދުމަށް މިއަދު އިރުއޮއްސުނު ވަގުތުން ފެށިގެން ގިނަ ބަޔަކު ވަނީ ހުޅުމާލޭގެ ޣާޒީ ސްކޫލް ކައިރީގައި ބޮޑު ކިޔޫއެއް ހަދައިފަ އެވެ. އަންނަ ހޯމަ ދުވަހު ހެނދުނު 9:00 އިން ފެށިގެން ދޫކުރާ އެ ފޯމް ހޯދުމަށް މިރޭގެ 10 ޖެހުމާ ހަމައަށް އެކަނި ވެސް 200 ވަރަކަށް މީހުން ކިޔޫގައި ތިބި ކަމަށް ލަފާކުރެވެ އެވެ.

ފްލެޓް ވިއްކުމުގެ ފޯމް ދޫކުރުން އަލުން ފަށާނެ އިރެއް ކަމާ ބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

އެޗްޑީސީން ނިންމާފައިވާ ގޮތުން ނަމަ، ފްލެޓް ވިއްކާނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ. ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ ޖެނުއަރީ 7، 2018 ގަ އެވެ.

އެޗްޑީސީން ބުނިގޮތުގައި ފޯމު ދޫކުރާނީ 100،000ރ.ގެ ބޭންކް ގެރެންޓީ ގެންދާ ފަރާތްތަކަށެވެ. އަދި ބުނީ ތިން ކޮޓަރި އާއި ދެ ފާޚާނާ އަދި ބަދިގެ ހިމެނޭ ފްލެޓްތަކުގެ ތެރެއިން ގާކޮށިން 75 ފްލެޓް ވިއްކާއިރު، އަރަބިއްޔާ ބިމުން ވިއްކަނީ 30 ފްލެޓް ކަމަށެވެ.

އެ ފްލެޓްތަކުގެ އެޕާޓްމެންޓެއް ވިއްކުމަށް ނިންމާފައިވަނީ ދެ މިލިއަން ރުފިޔާ އަށެވެ.

އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް 268 މީހަކަށް ގުރުއަތުން ލިބިފައިވާއިރު ފްލެޓްތައް ލިބެނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ މީހުންނަށެވެ. ނުދެއްކޭ މީހުންގެ ފުލެޓްތައް ވިއްކާލަނީ އެވެ.