ދެބެއިންގެ ދެމެދުގައި ހިނގި މާރާމާރީއަކާ ގުޅިގެން ހަތަރު ކުއްޖަކު ހައްޔަރުކޮށްފި

ދ، ކުޑަހުވަދޫގައި، އެއްބަނޑު އެއްބަފާ ދެކުދިންގެ މެދުގައި ހިންގި މާރާމާރީއަކާ ގުޅިގެން ހަތަރު ކުޑަކުއްޖަކާއި މީހަކު ހައްޔަރުކޮށްފި އެވެ.


މިދިޔަ އާދިއްތަ ދުވަހު މި މާރާމާރީ ހިންގާފައިވަނީ 17 އަހަރުގެ ބޭބެ ރަށަށް ގެނައި އެއްޗެއް ވަގަށް ނެގި ކަމަށް އޭނާގެ 15 އަހަރުގެ ފިރިހެން ކޮއްކޮއަށް ތުހުމަތުކޮށް ހަމަލާ ދިނުމުންނެވެ. އަދި އެ މަރާމާރީގައި އިތުރު ކުދިން ވެސް ބައިވެރިވި އިރު، 15 އަހަރުގެ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ވެ އެވެ.

"އެ ކުއްޖާ އެންމެ ފަހުން ގެންދަން ޖެހުނީ ހޮސްޕިޓަލަށް. އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނޭ،" ކައުންސިލުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަރާމާރީ ބޮޑުވީ ދެ ކުދިންގެ ރަހުމަތްތެރިން ވެސް އެކަމުގައި ބައިވެރިވުމުން ކަމަށެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި މި މާރާމާރީގައި ބައިވެރިވި ކުދިން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގަ އެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.