ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްސަލައިގެ ތެރެއަށް މީޑިއާ ކައުންސިލް ވެސް ވަންނަނީ

"ހަވީރު"ގެ ކުރީގެ މުވައްޒަފުންނަށް އެއްވެސް މީޑިއާއެއްގައި ދެ އަހަރު ވަންދެން މަސައްކަތް ނުކުރެވޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމުގެ ތެރެއަށް ވަންނަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ނިންމައިފި އެވެ.


"ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުފާނު ކުރަން ހައި ކޯޓާއި ސުޕްރީމް ކޯޓަށް އެ މުވައްޒަފުންގެ ފަރާތުން ހުށަހަޅާފައިވާއިރު، ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ހުކުމުގައި ހިމެނޭ މުވައްޒަފުންގެ ބައި ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމަވައިފަ އެވެ. އަދި ދައުލަތުން އިސްތިއުފާނަށް ހުށަހެޅުމުން އެ މައްސަލަ އަށް ތަދައްހުލް ވާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.

މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް މިރޭ "މިހާރު" އަށް ވިދާޅުވީ ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރާ މައްސަލަ އަށް ތަދައްހުލްވާން އެ ކައުންސިލުން ނިންމީ، މީޑިއާގައި މަސައްކަތްކުރާ އެތައް ބައެއްގެ ހައްގުތައް ގެއްލިފައިވާ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.

"އަޅުގަނޑުމެންނަކީ މީޑިއާތަކުގެ ދިފާއުގައި ނުކުތުމުގެ މަސްއޫލިއްޔަތު ގާނޫނީ ގޮތުން ހަވާލުވެފައި ތިބި މީހުން. ނޫސްވެރިންގެ ހައްގުތައް ގެއްލޭ ކަމަށް ފެންނަ ނަމަ، އެކަމަކަށް ހައްލެއް ހޯދައި ދީ، ހައްގުތައް ހިމާޔަތް ކުރުމަކީ ގާނޫނީ ގޮތުން މީޑިއާ ކައުންސިލާ މަތިކޮށްފައިވާ ކަމެއް،" އާސިފް ވިދާޅުވި އެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރާ: "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުގެ އެ މައްސަލައިގެ ތެރެއަށް ވަންނަ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ނިންމާފައި.---މިހާރު ފޮޓޯ: ނިޝާން އަލީ

އޭނާ ވިދާޅުވި ގޮތުގައި "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ ހައްގުތައް ގެއްލޭ ކަމަށް ގަބޫލުކުރެވޭތީ، ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރާ މައްސަލަ އަށް ވަނުމާ ގުޅޭ ގާނޫނީ މަސައްކަތް މީޑިއާ ކައުންސިލުން އާދިއްތަދުވަހު ފައްޓަވާނެ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވަނީ "ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ އަމުރެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެ އަމުރުގައި ހިމެނޭ މުވައްޒަފުންގެ ބައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމީ އެހެންވެ ކަމަށް ބަންޑާރ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ.

މި މައްސަލާގައި މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް މައްޗަށް އައިސްފައިވާ ހުކުމުން ރާއްޖޭގައި އެ ނޫސްވެރިންނަށް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންވެ މިނިވަން މީޑިއާގެ މިނިވަންކަން ވަޅުޖެހިދާނެ ކަމަށެވެ. މީޑިއާ ކައުންސިލުން ބުނީ، އެއީ އެ މީހަކު އިހުތިޔާރު ކުރާ ވަޒީފާއެއް އަދާ ކުރުމުގެ ހައްގުން މަހުރޫމްވެ، ވަޒީފާއާ ބެހޭ ގާނޫނުން ލިބިދޭ ރައްކާތެރިކަން ވެސް ގެއްލިގެން ދިޔަ ހުކުމެއް ކަމަށެވެ.

"ހަވީރު"ގެ ކުރީގެ ގިނަ ނޫސްވެރިން މިހާރު މަސައްކަތް ކުރަނީ އަލަށް އުފެއްދި "މިހާރު" އޮންލައިނާއި "މިހާރު" ނޫހުގަ އެވެ.