އެއީ އަޅުގަނޑަށް އަމާޒުވާ ތުހުމަތެއް ނޫން، ކޮރަޕްޝަނެއް ނުހިންގަން: އުމަރު

މިިނިވަން 50ގެ ހަރަކާތްތައް ހިންގީ މާލިއްޔަތު ގަވާއިދާ ހިލާފަށް އަދި ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށް ބުނެ، އޮޑިޓް އޮފީހުން ނެރުނު ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި ކަންތައް އޭނާ އަށް އަމާޒުނުވާ ކަމަށާއި، ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.


"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު މިއަދު ވިދާޅުވީ މިނިވަން 50 ގެ ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދިޔައީ ރައީސް އޮފީހުން އެ ކަމަށް މިނިސްޓަރުންގެ ފެންވަރުގައި އުފެއްދި ހާއްސަ ކޮމެޓީއަކުން ކަމަށެވެ. އަދި މިނިވަން 50ގެ ނަމުގައި އޮފީހެއް އުފެއްދި ކަން އުމަރު ފާހަގަކުރެއްވި އެވެ.

އެ މަސައްކަތް ކުރިއިރު، އޮޑިޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބޭފުޅުން މިނިވަން 50 އޮފީހުގައި އޮތް ކޮމެޓީގައި ތިއްބެވި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އެއްވެސް ކަމެއް ގަވާއިދާ ހިލާފަށް ދިޔަ ނަމަ، އެ ބޭފުޅުން އޭރު އެކަން ފާހަގަ ކުރެއްވީސް ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެ ދުވަހު، ނުފެނުނު ކަމެއް މިހާރު ފެނުނު ކަމަށް ބުނުމަކީ ބަލަން ޖެހޭ ވަރަށް ނުބެލުން ކަމުގައި އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ މިނިވަން 50ގެ ހަރަކާތްތަކެއް ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި މިނިވަން 50އާ ގުޅޭ ކޮންމެ މަސައްކަތެއް އެކި ފަރާތްތަކާ ހަވާލުކުރަމުން ދިޔައީ އޭރުގެ ފިނޭންސް މިނިސްޓަރު، އަބްދުﷲ ޖިހާދުގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

އެކި ފަރާތްތަކަށް މަސައްކަތްތައް ހަވާލު ކުރުމުގައި ކޮމެޓީގައި ތިއްބަވާ ގިނަ މިނިސްޓަރުން ލިޔެކިޔުންތަކުގައި ސޮއިކުރައްވާފައިވާނެ ކަމަށާއި ސޮއިކުރެއްވީ ހަމައެކަނި އޭނާ ނޫން ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ހުރިހާ ކަމެއް ކުރިއަށް ދިޔައީ ނައިބު ރައީސް ޖިހާދުގެ ބެެއްލެވުމުގެ ދަށުން ކަމަށާއި މިނިވަން 50 އާ ގުޅޭ ކަންކަން ރައީސް އޮފީހާއި އެމްއެންޑީއެފް ތެރޭގައި ވެސް ހިނގާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ހޯމް މިނިސްޓްރީގައި ހަމައެކަނި ހިނގި ކަންކަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ފިނޭންސް މިނިސްޓަރު ހާއްސަ ހުއްދައެއް ދޭ ހިސާބުން ޓެންޑާ އިވެލުއޭޝަން ބޯޑަށް ދާން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ ގޮތުން ކުރީގެ ސަރުކާރުތަކުގައި ވެސް އެފަދަ ހުއްދަ ދިނީމަ، ޓެންޑާ އިވެލުއޭޝަން ބޯޑާ ހިސާބަށް ނުގޮސް، ކަންކަން ހަވާލުކޮށްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި "ގައި ދަށުވެފައި" އޮތް ޕްރޮޖެކްޓު ނިންމަން އޭރު އޮތީ ވަގުތު ވެސް ކުޑަތަންވެފަ އެވެ. އަދި ފޮރުވައިގެން އެއްވެސް ކަމެއް ނިންމާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ހިނގި ކަމަށް ބުނާ ނަމަ، އެކަން ރަނގަޅަށް ބެލުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"ހުރިހާ ލިޔެކިޔުންތަކެއް ބަލަން ވާނެ. އެއްވެސް ކަމެއް ގޯސްކޮށް ދިޔަ ނަމަ، ފިޔަވަޅު އަޅަން ވާނެ. ފިނޭންސް މިނިސްޓަރު ހުއްދަ ދެއްވައިގެން، އެންމެ ޓޮޕް ޓީމަކުން މިކަމުގައި އުޅުނީ،" އުމަރު ވިދާޅުވި އެވެ.

މިނިސްޓީރިއަލް ކޮމެޓީގައި ތިއްބެވީ ހޯމް މިނިސްޓަރުގެ އިތުރުން ފިނޭންސް މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރާއި ޔޫތު މިނިސްޓަރު އަދި ރައީސް އޮފީހުގެ މިނިސްޓަރެވެ. އުމަރު ފާހަގަކުރެއްވި ގޮތުގައި މިނިވަން 50ގެ އެއްވެސް މަސައްކަތެއް އޭނާ ސީދާ އެއްވެސް ބަަޔަކާ ހަވާލުކޮށްފައެއް ނޯންނާނެ އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ އާންމުކުރެއްވި ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މިިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މާލޭގައި ހިންގި ހަރަކާތްތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އިރު، އެއީ މާލިއްޔަތު ގަވާއިދާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ކުރި ކަން ކަމެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ހަރަކާތްތައް އިންތިޒާމު ކުރުމަށް، އިނގިރޭސި ވިލާތުގެ "ދަ ޕްރޮޖެކްޝަން ސްޓޫޑިއޯ"އާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.