ދަރުބާރުގޭ މަރާމާތަށް ސިވެކުން އިތުރު ތިން މިިލިއަަން ރުފިޔާ ނެގި: އޮޑިޓް ރިޕޯޓު

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާއާ ގުޅިގެން ދަރުބާރުގޭގައި ޖާފަތް ބާއްވަން ކުރި މަރާމާތަށް ސިވެކުން އިތުރު ތިން މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން ހާމަވެއްޖެ އެވެ.


މިނިވަން 50 އާ ގުޅިގެން ދަރުބާރުގޭގެ މަރާމާތުތައް ހަވާލުކުރީ ސިފައިންގެ ވެލްފެއާ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އާ ތިން މިލިއަން ރުފިޔާ އަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެ މަސައްކަތަށް އޭގެ އިތުރުން ވެސް ތިން މިލިއަން ރުފިޔާ ސިވެކުން ވަނީ ނަގައިފަ އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އާންމު ކުރެއްވި، ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ވަނީ ޖުލައި 26 ވަނަ ދުވަހު ދަރުބާރުގޭގައި ފަރިއްކޮޅު ބޭއްވުމަށް އެތަނުގެ މަރާމާތަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ސިވެކް އަށް ދެއްކި ކަމަށެވެ. އަދި އޭގެ ފަހުން ހޯމް މިނިސްޓްރީގެ ބަޖެޓުން ވެސް ޖުލައި 15، 2015 ގައި ތިން މިލިއަން ރުފިޔާ ސިވެކަށް ދެއްކި ކަން ރިިޕޯޓުން އެނގެ އެވެ.

ހޯމް މިނިސްޓްރީން އެ ފައިސާ ދިނީ ދަރުބާރުގޭގެ އެ މަސައްކަތުގެ ހަރަދު މިނިވަން 50ގެ ބަޖެޓުގެ ތެރެއިން ހަމަޖައްސަން ރައީސް އޮފީހުން ސިޓީއަކުން އެންގުމުންނެވެ.

އެހެންކަމުން އޮޑިޓް ރިޕޯޓުގައި ބުނީ ދަރުބާރުގޭގެ މަރާމާތަށް ޑަބަލް ޕޭމަންޓް ހަދާފައިވާ ކަމާއި އެ މަސައްކަތަށް ޖުމްލަ ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވި ކަމަށެވެ.

އެގޮތަށް ދިމާވެފައިވަނީ، ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ހޯމް މިނިސްޓްރީން ބިލުގެ އަސްލު ހޯދުމުގެ ބަދަލުގައި ކޯޓޭޝަނަށް ބިނާކޮށް ސިވެކް އަށް ފައިސާ ދެއްކުމުންނެވެ.

އޮޑިޓަ ޖެނެރަލް ލަފާ ދެއްވީ އެކި ކަންކަމަށް ފައިސާ ހަރަދު ކުރުމުގެ ކުރިން އެކަމާ ގުޅޭ ބިލްތަކާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ސަޕޯޓިން ޑޮކިއުމަންޓުތައް ހަމައަށް ހުރިތޯ ބެލުމަށް ފަހު ނޫނީ އެއްވެސް ފައިސާއެއް ހަރަދު ނުކުރުމަށެވެ.

މީގެ އިތުރުން ދަރުބާރުގެ މަރާމާތު ކުރުމަށް ހަރަދު ކުރި ގޮތް ބަލައި ކަމާ ގުޅޭ ފަރާތްތަކާ ވާހަކަ ދައްކައި އިތުރަށް ދޫކުރި ފައިސާ އަނބުރާ ހޯދަން އޮޑިޓަ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ.

ރާއްޖޭގެ މިިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މާލޭގައި ހިންގި ހަރަކާތްތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އިރު، އެއީ މާލިއްޔަތު ގާނޫނާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ކުރި ހަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ގަލޮޅު ދަނޑުގައި ހަރަކާތްތައް އިންތިޒާމު ކުރުމަށް، އިނގިރޭސި ވިލާތުގެ "ދަ ޕްރޮޖެކްޝަން ސްޓޫޑިއޯ"އާ ހަވާލުކުރީ ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އެ ރިޕޯޓުގައިވެ އެވެ.