ގަދަ ބާރު ދައްކައިގެން ރައްޔިތުންގެ ލޯތްބާއި ތާއީދު ސަރުކާރަށް ހޯދުމަކީ ވާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވިލިމާލޭގައި ބޭއްވި ޖަލްސާގައި ޔުމްނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތަށް ކާމިޔާބު ލިބެމުން އަންނަ ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ ކާމިޔާބީތަކަކީ ތަފާތު ފިކުރުގެ ޕާޓީތައް އެކުގައި މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމުގައި އިސްލާހު ކުރަން ޖެހޭ އެތައް ކަމެއް ހުރި ކަން ފާހަގަ ކުރައްވައި ޔުމްނާ ވިދާޅުވީ ގައުމުގައި ކޮރަޕްޝަނާއި ފަސާދަ އާންމުވެ އަދުލު އިންސާފު ނެތުމުން މި ހުރިހާ ކަމެއް ރަނގަޅު ކުރުމަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން ނުކުތުމަކީ ލިބޭ ކާމިޔާބީއެއް ކަމަށެވެ.
މީގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ 45 މެމްބަރުން ނުކުންނެވުމުން ބާރާއި ނުފޫޒު ބޭނުންކޮށްގެން ސަރުކާރުން ކަންތައް ކުރުމަކީ ވެސް ލިބޭ ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުމްނާ އެ އިޝާރާތް ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއިކުރެއްވި 45 މެމްބަރުންނަށެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން ސަރުކާރާ ދެކޮޅަށް ނިކުންނެވުމުން އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ.
"ރައްޔިތުންގެ ތާއީދާއި ލޯތްބެއް ގަދަ ބާރުން ނުފޫޒު ފޯރުވައިގެން އެ ގޮތަކަށް ނުހޯދޭނެ. ހިތްވަރު ގަދަ މަޖިލީހުގެ މެމްބަރުން އަދިވެސް ތިއްބެވީ ހަމަ އެ ހިތްވަރުގައި،" ޔުމްނާ ވިދާޅުވި އެވެ.
ޔުމްނާ ވިދާޅުވީ ބައެއް މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ނަމަވެސް، މެމްބަރުން ތިއްބެވީ ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަށް ނޫން ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު ފަރާތްތަކަށް ކަމަށެވެ.
މަގުމަތީގައި އަމާން ކަމެއް ނެތް އިރު، ތިމާވެށި ރައްކާތެރިނުކޮށް، ތަރައްގީ ކުރުމާއި ސަގާފަތާއި އާދަކާދަ އަށް ރައްކާތެރިކަމަށް ނުބަލައި ތަރައްގީ ކުރަމުންދާތީ ޔުމްނާ ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.
"މިނިވަންކަމާއި އަމިއްލަވަންތަކަން ރައްކާތެރިކަން ނުގެންނަ ގޮތަށް ގެންނަ ތަރައްގީއަކީ ތަރައްގީތޯ؟ ބޭރު ބަޔަކަށް ބަރޯސާވެ، ބޭރު ބަޔަކަށް ދަރައި ވިކިގެން ގެންނަ ތަރައްގީއަށް ތަރައްގީއޭ ކިޔޭނެތޯ؟ ކޮރަޕްޝަނާއި ފަސާދަ އާއި ވައްކަމަކީ ތަރައްގީތޯ؟ ބޭރު ގައުމުތަކާ އޮތް ގުޅުން ކަނޑާލައި ހަމައެކަނި ވަކި ބަޔަކާ ގުޅިގެން ގެންނަ ތަރައްގީއަކީ ތަރައްގީތޯ؟ އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް. މިއަށް ކިޔާނީ ތަރައްގީތޯ؟ އަޅުގަނޑަށް ހަމަ ޔަގީން ތިއިން އެއްވެސް ބޭފުޅެއް ގަބޫލެއް ނުކުރައްވާނެ މިއީ ތަރައްގީކަމަކަށް. ރައްޔިތުން ބޭނުންވަނީ މި ތަރައްގީއެއް ނޫން،" ޔުމްނާ ވިދާޅުވި އެވެ.
ޔުމްނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ނުހައްގުން ބަންދު ކުރެވިފައި ތިބި ކަމަށް ވިދާޅުވެ، ހުރިހާ ބޭފުޅުން މިނިވަން ކުރުމަށް ގޮވާލައްވައިފަ އެވެ.