އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކަމުން ނަސްރުﷲ އިސްތިއުފާ ދެއްވައިފި

އޮޅުވާލައިގެން ހަތަރު މީހަކު ހައްޖަށް ފޮނުވި ކަމުގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި، ނަސްރުﷲ މުސްތަފާ، އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުން އިސްތިއުފާ ދެއްވައިފި އެވެ.


އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އަަރަބިއްޔާ އަށް އާ ޕްރިންސިޕަލަކު ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާން ވެސް ކޮށްފަ އެވެ. އަދި އެކަމަށް ހުށަހެޅުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އެކަމަކު އެއާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ.

މިދިޔަ މަހުގެ 28 ގައި ނަސްރުﷲ ހައްޔަރުކުރުމަށް ފަހު، ޖެހިގެން އައި ދުވަހު ޝަރުތުތަކާ އެކު ދޫކޮށްލީ ކްރިމިނަލް ކޯޓުންނެވެ. ނަމަވެސް ނަސްރުﷲ ގެ މައްޗަށް ކޯޓުން ކުރި ޝަރުތެއް ސާފެއް ނުވި އެވެ.

ނަސްރުﷲ ހައްޔަރުކުރީ، އޭނާ މި އަހަރު ހައްޖަށް ފޮނުވި ކަމަށް ބުނާ ހަތަރު މީހަކު މައްކާގައި ހާލުގައި ޖެހުނު މައްސަލައިގެ ތުހުމަތުގަ އެވެ. އެ މީހުން އަތުން ފައިސާ ނެގުމަށް ފަހު، ހައްޖަށް ފޮނުވިއިރު އެ މީހުން ތިބޭނެ ހޮޓަލެއްގެ އިންތިޒާމް ވެސް އޮތީ ހަމަނުޖައްސާ ކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ކުރިން ބުނެފައިވެ އެވެ. އެހެންވެ، ފަހުން އެ މީހުންގެ ކަންކަމާ ހަވާލުވީ ހައްޖު ކޯޕަރޭޝަނުންނެވެ.

އެ މައްސަލަ މިދިޔަ އޮކްޓޫބަރު މަހު ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ.