މޮޅަދޫ އިންޖީނުގޭގެ ތިޖޫރީން ވަގަށް ނެގި ފައިސާ ހޯދައިފި

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު، ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރީން ވަގަށް ނެގި ހުރިހާ ފައިސާއެއް ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


މޮޅަދޫގެ ވަލުތެރޭގެ މަގެއްގައި އޮއްވައި ފުލުހުންގެ މަސައްކަތުން ތިޖޫރީ ހޯދިއިރު، އޭގައި އެއްވެސް ފައިސާއެއް ނެތެވެ. އެކަމަކު އެ ރަށު ކައުންސިލުން ބުނެފައިވާ ތިޖޫރި ވަގަށް ގެންދިޔައިރު، އޭގައި 38،740ރ. ހުންނާނެ އެވެ.

ތިޖޫރި ވަގަށް ނެގި ކަމުގެ ތުހުމަތުގައި މޮޅަދޫން އިއްޔެ ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އެ ދެ މީހުންގެ ތެރެއިން އެކެއްގެ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން ނުފެނި ހުރި ފައިސާތައް ހޯދާފައި ކަމަށް ފުލުހުން ބުނެ އެވެ.

ތިޖޫރީގައި ހުރި ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ އަދަދަށް ފައިސާ ފެނިފައިވާ ކަމަށާއި ތިޖޫރީ ހަލާކުކޮށްލުމަށް ބޭނުން ކުރި އާލަތްތައް ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 20 އަހަރާއި 26 އަހަރުގެ ދެ ފިރިހެނެކެވެ.

ރާއްޖޭގެ ރަށްރަށުގެ ތެރެއިން ވެސް ބޮޑު ރަށެއްގެ ގޮތުގައި ބަލާ މޮޅަދުއަކީ އަތޮޅުގެ ނިސްބަތުން އާބާދީ އެންމެ ކުޑަ ރަށެވެ. އެ ރަށުގެ އާބާދީ އަކީ ގާތްގަނޑަކަށް 400 އެވެ. އެކަމަކު، ފަހަކަށް އައިސް އެ ރަށުގައި ކުށް ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.