ރޮހިންޖާ އާއި ފަލަސްތީނު ރައްޔިތުންނާ އެކުގައި ތިބޭނަން: މެލޭޝިއާގެ ބޮޑުވަޒީރު

މިއަންމާގެ ރަކީން ސްޓޭޓުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގް މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން، ދެ ގައުމުގެ މެދުގައި ބޭއްވި ރަސްމީ ވާހަކަތަކަށް ފަހު ދެއްވި ބަޔާނުގައި، މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ ރޮހިންޖާގެ މުސްލިމުންނަށް ސިއްހީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ބަންގްލަދޭޝްގެ ކޮކް ބާޒާރު ކައިރީގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މެލޭޝިއާ އިން ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ރޮހިންޖާގެ ރެފިއުޖީންނަށް މެލޭޝިއާ އިން ވެދެން ވެން އޮތް ސިއްހީ އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަންމާ ރޮހިންޖާ މުސްލިމުންގެ ބަޔަކު ރަކީން ސްޓޭޓުގެ ވަގުތީ ކޭމްޕެއްގައި. --ފޮޓޯ:އޭއެފްޕީ

"ރޮހިންޖާ މުސްލިމުންނަށް ހެޔޮ ބަދަލުތަކެއް އަންނަން ބޭނުން. ބޭއިންސާފުން ރޮހިންޖާ މީހުންނާ މެދު އަމަލު ކުރުން ހުއްޓަން ޖެހޭ. އެމީހުން އެނބުރި ގައުމަށް ދެވެން ޖެހޭނެ،" ނަޖީބު ވިދާޅުވި އެވެ.

ރޮހިންޖާގެ މުސްލިމުންނަށް މިއަންމާ ސިފައިން ކުރަމުން ދިޔަ އަނިޔާތަކަކީ ދުނިޔޭގެ ސަމާލުކަން ލިބުނު ކަމެކެވެ. މިދިޔަ އޮގަސްޓް 25 ގައި ހިންގަން ފެށި ހަމަނުޖެހުންތަކާ ގުޅިގެން މިޔަންމާ ސިފައިންގެ އަތް ދަށުވެ، ރޮހިންޖާގެ އެތައް މުސްލިމުންނެއް މަރުވިއިރު، ރަކީން ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވި ރޮހިންޖާ މުސްލިމުންގެ އަދަދު ވަނީ ހަ ލައްކަ އަށް ވުރެ އިތުރުވެފަ އެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރި ކައިރީގައި އިޒްރޭލް ސިފައިންނާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަނީ. ރޮއިޓާސް

ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމުމާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ވިދާޅުވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސަމިޓުގައި މެލޭޝިއާ އިން އެކަމާ ދެކޮޅު ހަދާފައިވާ ކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އިއުތިރާފްވެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް، މި މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ގައުމުގެ ބައެއް ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.