ޓެކްސްގެ ގޮތުގައި 2.8 މިލިއަން ދައްކަން ހަތަރު ކުންފުންޏަކަށް ހުކުމްކޮށްފި

ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 2.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ހަތަރު ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.


ސިވިލް ކޯޓުން އިއްޔެ އާއި މިދިޔަ ހަފުތާގައި ވަކިވަކިން ހުކުމްކުރީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ނުދައްކާ ތިން ކުންފުންޏަކާއި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ ނުދައްކާ ކުންފުންޏެއްގެ މައްޗަށެވެ. އެ ފައިސާ ދައްކަން ކޯޓުން ހުކުމްކުރީ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އިން ދައުވާ ކުރުމުންނެވެ.

އެ ހަތަރު ކުންފުނިން ޖުމްލަކޮށް ދައުލަތަށް ދައްކަން ޖެހުނު 2.8 މިލިއަން ރުފިޔާގެ ތެރޭގައި، ޓެކްސް ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ވެސް ހިމެނެ އެވެ. އަދި އޭގެ ތެރޭގައި 98،000 އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.

ދައުލަތަށް ލިބެންޖެހޭ އެކި ބާވަތުގެ ޓެކުހާއި ފީގެ ގޮތުގައި ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީރާ އިން އެކި ފަރާތްތަކުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލަތައް ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ.