ބޭރުގެ ސަފީރުން ޚާރިޖީ ވާހަކަ ދައްކަވަން ޖެހޭނީ ރަށްރަށަކު ނޫން: ރައީސް

ބޭރުގެ ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅާފައިވާ އަދި އެކި ކަންކަމުގައި ގައުމުތަކުން ރާއްޖެ އަށް ފޮނުވާ ސަފީރުން، ޚާރިޖީ ވާހަކަ ދައްކަވާނީ ރަށްތަކަށް ވަޑައިގެން ނޫން ކަމަށާއި އެއީ ދިވެހި ސަރުކާރާއެކު ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


އުތުރުގެ ތިން އަތޮޅަކަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. ކެންދުއަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބޭރުގެ އެކި ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރުންނަށް ދިވެހި ސަރުކާރުން ކަމޭނުހިތާ ކަމަށް ސޯޝަލްމީޑިއާ އާއި އެ ނޫން ގޮތްތަށް ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

ރައީސް ޔާމީން މިގޮތަށް ވާހަކަފުޅު މި ދެއްކެވީ، ހޯމް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ނޫން ގޮތަކަށް، ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރުން ކައުންސިލްތަކަށް މަނާކުރި މައްސަލާގައި ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ. ހުއްދަ ނުހޯދައި، ސަފީރުންނާ ބައްދަލުކުރުން ކައުންސިލްތަކަށް މަނާކުރީ، އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ އާއި އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ރަށްރަށަށް ވަޑައިގެން ކައުންސިލަރުންތަކަކާ ބައްދަލުކުރައްވާފައި ވަނިކޮށެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުންނަކީ ވަކި ގޮތަކަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ އަދި ކަނޑައަޅާފައިވާ ވަކި އުސޫލްތަކަކަށް ތަބާވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ބޭފުޅުންތަކެއް ކަމަށެވެ.

ރައީސް ޔާމީން ބ. އޭދަފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ: --ފޮޓޯ: ހައުސިން މިނިސްޓްރީ

ރާއްޖޭގެ ޚާރިޖީ އުސޫލްތައް އޮންނަ ގޮތުން، ދިވެހި ރައްޔިތުންގެ ކަންކަމާ ގުޅޭގޮތުން ބަސް ބުނާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވިދާޅުވި އެވެ.

އެއީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އިންތިހާބުކޮށް މަގާމަކަށް އައްޔަންކޮށްފައިވާ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން ގައުމުތަކުގެ ސަފީރުން ހާރިޖީ ވާހަކަތައް ވެސް ދައްކަން ޖެހޭނީ ދިވެހި ދައުލަތާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަފީރުން ނުވަތަ މެހްމާނުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރައްވަނީ، އެހީދޭން ކަމަށްވާ ނަމަ، ބައިނަލްއަގުވާމީ މުއާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި އޮންނަ ގޮތަކީ އެއް ގައުމުން އަނެއް ގައުމަށް ނުވަތަ އެއް ސަރުކާރުން އަނެއް ސަރުކާރަށް އެހީދޭ ކަމަށްވާ ނަމަ ސަރުކާރު މެދުވެރިކޮށް އެހީ ދިނުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ވަކި ރަށެއްގައި ހޮސްޕިޓަލެއް އެޅުން ފަދަ ކަމެއް ބޭރުގެ ސަރުކާރަކުން ނުވަތަ ޖަމާއަތަކުން ކުރާ ނަމަވެސް އެކަން އެންމެ ފުރަތަމަ އެނގެން ޖެހޭނީ ދިވެހި ސަރުކާރަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެކުރިން ގޮސް، ރައްޔިތުންނަށް އުއްމީދުތަކެއް ދީފައި އެކަން ނުވެގެން ދިޔައީމަ އެއީ، ރައްޔިތުންނަށް ސަރުކާރު ޒިންމާދާރުވެ ޖަވާބުދާރީވާންޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ގައުމެއްގައި ކަނޑައަޅާފައިވާ ޚާރިޖީ އުސޫލްތަކަށް ސަފީރުން ތަބާވާ އުސޫލުން، ދިވެހިރާއްޖޭގައި އިންތިޒާމްކުރެވިފައިވާ ހަމަތަކާއި އުސޫލްތަކަށް ވެސް އިހްތިރާމްކުރަން ޖެހެ އެވެ. އަދި ރާއްޖޭގެ އަމިއްލަ ވަންތަ ސިފަތަކަށް ވެސް ސަފީރުން އިހްތިރާމް ކުރައްވަން ރައީސް ޔާމީން އެދިވަޑައިގެންނެވި އެވެ.