ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާ ނުކުރުމުން ޖޫރިމަނާ ކުރުން އަނެއްކާ ވެސް ފަސްކޮށްފި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާނުކުރާ ފަރާތްތައް ޖޫރިމަނާ ކުރަން ފެށުން އަނެއްކާވެސް އިތުރު ހަ މަހަށް ފަސްކޮށްފި އެވެ.


ވަޒީފާއާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ދޭން ޖެހޭނީ އެ މީހުންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ޖަމާކޮށްގެންނެވެ. އެކަން އެގޮތަށް ނުކުރާ ނަމަ، ވަޒީފާދޭ ފަރާތްތައް 10،000ރ. އިން ފެށިގެން 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

އެއާ ޚިލާފްވާ ފަރާތްތައް އަންނަ ހޯމަ ދުވަހުން ފެށިގެން ޖޫރިމަނާ ކުރަން ފަށާ ގޮތަށް ހަމަޖައްސާފައި އޮތުމަށް ފަހު، އިކޮނޮމިކް މިނިސްޓްރީން ގަވާއިދަށް މިއަދު ގެނައި އިސްލާހުގެ ދަށުން، އެކަން ވަނީ އިތުރު ހަ މަހަށް ފަސްކޮށްފަ އެވެ. މިއަދު ގެނައި އިސްލާހު ބުނާގޮތުން ޖޫރިމަނާ ނަގަން ފަށާނީ އަންނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

މިއީ ޖޫރިމަނާ ފައިސާ ނަގަން ފެށުން ފަސްކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ހަމަޖެއްސީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫރިމަނާ ފައިސާ ނަގާ ގޮތަށެވެ. އެކަމަކު އޭރު ވެސް ގަވާއިދަށް އިސްލާހު ގެނެސް، އަންނަ ހޯމަ ދުވަހާ ހަމައަށް ފަސްކުރީ އެވެ.

ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާކުރުން ގާނޫނުން ލާޒިމްކުރީ ބިދޭސީން އަތުން ރެމިޓެންސް ޓެކްސް ނެގުމަށެވެ. ރެމިޓެންސް ޓެކްސަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސެކެވެ. ކޮންމެ ބިދޭސީއަކު ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސެންޓް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް ނަގާނެ އެވެ.