އެއް ކެންޑިޑޭޓާ ގުޅޭ މަޝްވަރާ ކޮމެޓީގެ ޗެއާމަނަކަށް އިބޫ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ ކޮމެޓީގެ ޗެއާމަނަކަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަދި ވައިސް ޗެއާމަނަކަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް އިއްޔެ ހަމަޖައްސައިފި އެވެ.


މި ކޮމެޓީގެ ޗެއާމަނަކަށް އިބޫ، ވައިސް ޗެއާމަނަކަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ހަމަޖެއްސީ މ. ކުނޫޒްގައި އިއްޔެ ބޭއްވި އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ރިޔާޒް މިރޭ ވިދާޅުވީ އެ ކޮމެޓީން މަޝްވަރާ ކުރާނީ ރިޔާސީ އިންތިހާބުގައި ޕާޓީތައް އެކުގައި މަސައްކަތް ކުރެވޭނެ ގޮތަކާ ގުޅޭގޮތުން ކަމަށެވެ. އޭގެތެރޭގައި، އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ވާހަކަތައް ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ބަލިކުރެވޭނީ، އެއް ކެންޑިޑޭޓަކު ނެރެގެން ކަމަށް އިދިކޮޅު ހުރިހާ ޕާޓީތަކުން ވެސް ގަބޫލުކުރެ އެވެ. އެކަމަކު އެކަމަށް ގޮތެއް ކަނޑަނޭޅި އޮތީ، އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވަން، އެ ދެ ޕާޓީން ބޭނުންވާތީ އެވެ.

ނަމަވެސް އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތުތައް ދެ ބޭފުޅުންނަށް ވެސް ވަނީ ބަންދުވެފަ އެވެ. ނަޝީދަށް ފުރުސަތު ގެއްލުނީ، އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމަށް އެ ފުރުސަތު ގެއްލުނީ، 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅިގެންނެވެ.

އިންތިހާބުގައި އިދިކޮޅުން ވާދަކުރާނެ އެއް ކެންޑިޑޭޓަކު ހޮވަން މަޝްވަރާ ކުރަން ނިންމާފައިވާއިރު، އެމްޑީޕީ ތަމްސީލް ކުރައްވަނީ އިބޫގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

ޖުމްހޫރީ ޕާޓީ ތަމްސީލް ކުރައްވާނީ ރިޔާޒާއި ޑރ. ހުސެއިން ރަޝީދު ހަސަނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަދި އާމިނަތު ނާދިރާ އެވެ.

އަދާލަތު ޕާޓީން ބައިވެރިވެވަޑައިގަންނަވާނީ އެ ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފާއި ސެކްރެޓަރީ ޖެނެރަލް ޝަރީފް ކަމަށް އެނގިފައިވެ އެވެ.