ރޭޕްގެ ތުހުމަތު ކުރެވުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

މިދިޔަ ބުދަދުވަހު މާލޭގައި އަންހެނަކު ރޭޕްކޮށްލިކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި މީހާގެ ބަންދަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް މިރޭ ޖަހައިފި އެވެ.


އުމުރުން 34 އަހަރުގެ އެ ފިރިހެންމީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ތިނަދޫންނެވެ.

އުމުރުން 19 އަހަރުގެ އަންހެންމީހާ ރޭޕްކުރި ކަމަށް އަޑު ފެތުރިފައި ވަނީ، މާލޭގެ އާޓް ސްޓޫޑިއޯއަކަށް އޭނާގެ އާޓް ޕްރޮޖެކްޓަކަށް އެހީތެރިކަން ހޯދުމަށް އެތަނަށް އެ އަންހެންމީހާ ގެންދިއުމަށް ފަހު އެވެ.

ބައެއް މީޑިއާތަކުގައި އަންހެން ކުއްޖާއާ ހަވާލާދީ ލިޔެފައިވާ ގޮތުގައި ރޭޕް ކުރުމަށް ފަހު، އެ ކަން ސިއްރު ކުރަން އޭނާ އަށް ފައިސާ ވެސް ހުށަހެޅި އެވެ. އެ ކަމަކު އަންހެން ކުއްޖާ ވަނީ އެކަން ގަބޫލުނުކޮށް ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.

ނަމަވެސް އެ ވާހަކަތައް އެ ފިރިހެން މީހާ ދޮގު ކުރަމުން ބައެއް މީޑިއާތަކުގައި ބުނެފައިވަނީ އަންހެން ކުއްޖާ ދިޔައީ އޭނާ ދިރިއުޅޭ ކޮޓަރި އަށް ކަމަށާއި އެއީ ސްޓޫޑިއޯއެއް ވެސް ނޫން ކަމަށެވެ.

ފިރިހެންމީހާ ބުނެފައި ވަނީ، އޭނާއަށް ތުހުމަތުކޮށްފައިވާ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އެއީ އޭނާގެ އަބުރު ނަގާލަން ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ.

މި މައްސަލާގައި ފުލުހުން އަދި އެއްވެސް މައުލޫމާތެއް އާންމެއް ނުކުރެ އެވެ.