އިދިކޮޅު ލީޑަރުންނަށް އެއްބަސް ނުވެވޭ ވަރުގެ ހުށަހެޅުމެއް ނެތް: އިބޫ

އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރުމާ ގުޅޭ ގޮތުން އިދިކޮޅު ލީޑަރުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު އެއްބަސް ނުވެވޭ ވަރުގެ ހުށަހެޅުމެއް ނެތް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިންވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ ކޮމެޓީގެ ޗެއާމަން ހިންވަރު ދާއިރާގެ މެންބަރު އިބޫ ވިދާޅުވީ، އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގާއިމުކުރުމާ ބެހޭގޮތުން އިދިކޮޅު ހަތަރު ޕާޓީން ވެސް ކަންތައްތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުންގެ ފަރާތުން ހުށަހަޅާފައިވާ ލިއުންތަކަށް ބަލާއިރު އެއްބަސްނުވެވޭ ވަރުގެ ބޮޑެތި މައްސަލަތަކެއް ނެތް ކަމަށެވެ. އެހެންވެ ހުރިހާ ފަރާތްތަކުން ވެސް ދޫ ދީގެން ވަރަށް އަވަހަށް ގޮތެއް ނިންމޭނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އިދިކޮޅު ކެންޑިޑޭޓަކާ ގުޅޭ އެއްވެސް މަޝްވަރާއެއް މިއަދުގެ ބައްދަލުވުމުގައި ކޮށްފައިވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ވިދާޅުވީ އެއްބައިވަންތަކަމުގެ ސަރުކާރަކާ ބެހޭ މަޝްވަރާ ކުރާއިރު، އެ ސަރުކާރުގެ ރިޔާސަތު ބަލަހައްޓާނެ ބޭފުޅަކާ ބެހޭގޮތުން ވެސް ވާހަކަތައް ދައްކާނެ ކަމަށެވެ.

"ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމުގެ ވާހަކަތައް ދެކެވޭއިރުގައި، އެ ސަރުކާރެއްގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ވެސް، އެ މަޝްވަރާތަކުގައި ކުރިއަށްދާނެ ކަމަށް ތި ބޭފުޅުން ގަބޫލުކުރައްވަން ވާނެ. އެ ތަފުސީލުތައް ދޭނަން. ކޮންމެ ގޮތެއް ވިޔަސް ސަރުކާރެއް މި އުފެދެނީ އިންތިހާބަކަށް ފަހު. އެހެންވީމަ އެ ވާހަކަ ނުދެކެވިއެއް ނުދާނެ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމާ ގުޅޭ މަޝްވަރާތަކުގެ ތެރޭގައި،" ޖުމްހޫރޯ ޕާޓީގެ އޮފީސް ހިންގާ ންކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ ވަކި މީހަކު ވެރިކަމަށް ގެނައުން ނޫން ކަމަށާއި އަމާޒަކީ އެއްބަސްވާ ކަންތައްތަކެއްގެ ތެރެއިން މި ވެރިކަން ބަދަލުކުރުން ކަމަށް ވެސް ހިންނަވަރު ދާއިރާގެ މަޖިލިސް މެމްބަރު އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ވަކި މީހަކު ވެރިކަމަށް ގެންނަން މަޝްވަރާ ކުރުމެއް ނޫން. އަޅުގަނޑުމެން އެއްބަސްވާ ގޮތްތަކެއްގެ ތެރެއިން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން ރައްޔިތުން އެދިފައި އޮތް އެދުން ހާސިލު ކުރަން ކުރެވެން އޮތް ކަންކަން ކުރުން،" އިބޫ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އެ ކޮމެޓީގެ ވައިސް ޗެއާމަން އަދި ޖުމްހޫރީ ޕާޓިގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ކޮމެޓީގެ ދެ ވަނަ ބައްދަލުވުމުން މާދަމާ ބާއްވާއިރު، ހަތަރު ލީޑަރުންގެ ފަރާތްޕުޅުން ހުށަހަޅާ ކަންތައްތަކަށް ބޮޑަށް މަޝްވަރާކުރާނެ ކަމަށެވެ.

ޕާޓީތަކުން މިއަދު ބޭއްވި މަޝްވަރާގައި ވަނީ މަޖިލީހުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. އަދި އަންނަ އަހަރުގެ މަޖިލިސް އިންތިހާބާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރުންނާ ބެހޭ ގޮތުންނާއި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މަޖިލިސް ހިންގޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާތައް ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.