ދައުވާ ކުރުން ލަސް ކޮށްފައިވާތީ، މުސްތަފާ އަތުން ފައިސާ ހޯދަން އިތުރަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ މީގެ 11 އަހަރު ކުރިން ދޫކުރި ޗެކްތަކަށް ފައިސާ ހޯދަން ދައުވާކުރުން ލަސްކޮށްފައިވާތީ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމުގެ ހައްގު މިހާރު ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.


މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުސްތަފާގެ މައްޗަށް އެމެޓީ އެންޓަޕްރައިސަސްއިން ދައުވާކުރީ މުސްތަފާ ދައްކަންޖެހޭ ފައިސާތަކެއް ދެއްކުމުގެ ގޮތުން 2006 ވަނަ އަހަރާއި 2007 ވަނަ އަހަރު އޭނާ ދޫކުރި ހަތަރު ޗެކަކަށްވާ ފައިސާ އާއި އެ ފައިސާ ނުލިބުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 454،000ރ. ހޯދުމަށެވެ.

އެ ޗެކްތައް މުސްތަފާ ދޫކުރިޔަސް، އެމެޓީ އިން އެ ޗެކްތައް ބޭންކަށް ހުށަހަޅާފައެއް ނުވެ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޗެކްތައް ބޭންކަށް ހުށަނޭޅީ އެ ޗެކްތައް ބޭންކަށް ހުށަނާޅައި، ގެރެންޓީގެ ގޮތުގައި ބަހައްޓަން މުސްތަފާ އެދުމުންނެވެ. އެ ފައިސާ ހޯދަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެމެޓީން ދައުވާ ކުރިޔަސް، އެ ކުންފުނިން ކޯޓަށް ހާޒިރު ނުވެގެން އެ ދެ މައްސަލަ ވެސް ކޯޓުން އޭރު ވަނީ ބޭރުކޮށްލައިފަ އެވެ.

އެ މައްސަލާގައި ދައުވާ ކުރުމުގެ ހައްގު އެމެޓީއަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމީ އެ ދައުވާ ކުރުން ލަސްކޮށްފައިވާތީ، އެ މައްސަލާގައި މިހާރު ދައުވާ ނުކުރެވޭނެ ކަމަށް ބުނެ މުސްތަފާގެ ފަރާތުން ނެގި އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން މުއްދަތަށާއި ޗެކްތަކަށް ފައިސާ ހޯދަން ބޭންކަށް ހުށަހަޅަންޖެހޭ މުއްދަތަށާއި އެ ޗެކްތަކުގެ މުއާމަލާތް ހިނގާފައިވާ މުއްދަތަށާއި ދައުވާ ކުރުމުގައި ހޭދަވި މުއްދަތުތަކަށް ބަލާއިރު، އެ މައްސަލާގައި މުސްތަފާގެ މައްޗަށް ދައުވާ ކުރުމުގެ ހައްގު އެމެޓީއަށް މިހާރު ލިބިގެނެއް ނުވެ އެވެ.

ސަބަބެއްގެ ގޮތުގައި އެ ހުކުމުގައިވަނީ ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާ ބެހޭ ގާނޫނުގައި، ޗެކް ދޫކުރާ ތާރީޚުން ފެށިގެން ހަ މަސް ތެރޭގައި ބޭންކަށް ޗެކް ހުށަހެޅުމަކީ އެ ފައިސާ ލިބެންޖެހޭ ފަރާތުގެ ޒިންމާއެއް ކަމަށް ވުމެވެ.

އެ ހުކުމުގައިވާ ގޮތުން މުސްތަފާ ދޫކުރި ޗެކްތައް ބޭންކަށް ހުށަނޭޅީ މުސްތަފާ އެދިގެން ކަމަށް އެމެޓީން ބުންޏަސް، އެކަން ސާބިތުކޮށް ދެވޭނެ އެއްވެސް ހެއްކެއް އެމެޓީން ހުށަހަޅާފައެއް ނެތެވެ. އެކަން އެނގެނީ އެ މައްސަލާގައި އެމެޓީން ކުރިން ދައުވާ ކުރި މައްސަލާގައި އެމެޓީގެ ފަރާތުން އޭރު ކޯޓުގައި ދައްކާފައި ހުރި ވާހަކަތަކުން ކަމަށް ހުކުމުގައިވެ އެވެ.

އެ ޗެކްތަކަށް ފައިސާ ހޯދަން އެމެޓީން އެންމެ ފުރަތަމަ ދައުވާކުރީ 2013 ވަނަ އަހަރު ކަމަށްވާއިރު، އެއީ އެ ޗެކްތައް ދޫކުރިތާ ހަ އަހަރާއި ހަތް ދުވަސް ދުވަސް ފަހުން ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެމެޓީން އޭރު ކޯޓަށް ހާޒިރު ނުވެގެން އެ މައްސަލަ ބޭރުކޮށްލާފައި ވަނިކޮށް ދެވަނަ ފަހަރަށް އެ ކުންފުނިން ދައުވާ ކުރި މައްސަލަ ވެސް އޭޕްރީލް، 2015 ގައި ކޯޓުން ބޭރުކޮށްލީ އެމެޓީން ކޯޓަށް ހާޒިރު ނުވުމުން ކަމަށް ހުކުމުގައިވެ އެވެ.

އޭގެފަހުން މިފަހަރު އެމެޓީން ދައުވާކުރީ މިދިޔަ އަހަރުގެ މާޗް މަހު ކަމަށާއި އެއީ 2015 ގައި އެ މައްސަލަ ބޭރުކޮށްލިތާ އެއް އަހަރާއި 11 މަސް ފަހުން ކަން ގާޒީ މުހައްމަދު ހަލީމް ކުރެއްވި އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ފައިސާތަކެއް ހޯދުމުގެ މައްސަލާގައި ދައުވާ ކުރުން ލަސް ކުރުމުން، ދައުވާ ކުރުމުގެ ހައްގު ލިބިގެންނުވާ ކަމަށް އެހެން މައްސަލައެއްގައި ވެސް ސިވިލް ކޯޓުން މީގެ ކުރިން ވަނީ ނިންމައިފަ އެވެ. އޭރު އެގޮތަށް ނިންމީ އުރީދޫ ކުންފުނި އަތުން 7.7 މިލިއަން ރުފިޔާ ހޯދަން އަމީން ކޮންސްޓްރަކްޝަނުން ދައުވާކުރި މައްސަލައެއްގަ އެވެ. އެ މައްސަލާގައި ވެސް ދައުވާކުރީ 11 އަހަރު ފަހުންނެވެ.

ޗެކްތަކެއްގެ މައްސަލާގައި މުސްތަފާގެ މައްޗަށް އެމެޓީން ކުރި ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކޯޓުން އިއްޔެ ނިންމިއިރު، އެހެން މައްސަލައެއްގައި 194،000ރ. އެމެޓީ ކުންފުންޏަށް ދައްކަން ސިވިލް ކޯޓާއި ހައި ކޯޓުން ކުރިން އޮތީ މުސްތަފާގެ މައްޗަށް ހުކުމްކޮށްފަ އެވެ.