ސްކޫލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަނީ

ސްކޫލުތަކަށް ވަދެ ދަރިވަރުންނަށް ހަމަލާދީ މާރާމާރީ ހިންގަމުންދާތީ ސްކޫލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.


ތާޖުއްދީން ސްކޫލުގެ ދަރިވަރަކާއި އެހެން ފިރިހެނަކު އެ ސްކޫލުގެ ތެރެއަށް ވަދެ، ގްރޭޑް 10 ގައި ކިޔަވަމުންދާ ކުއްޖެއްގެ ބޮލަށް އިއްޔެ ވަނީ ކަތުރެއް ހަރާލައި ޒަހަމްކޮށްލައިފަ އެވެ. އަދި މިދިޔަ އަހަރުގެ މޭ މަހު ވެސް ހަމަ އެ ސްކޫލުގައި މާރާމާރީއެއް ހިންގާފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ކުދިންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ކުރަންޖެހޭ މަޝްވަރާތައް ކަމާ ބެހޭ އިދާރާތަކާ ކުރަމުން އަންނަ ކަމަށެވެ.

"ސްކޫލުގެ ހަތަރު ފާރުގެ ތެރެއަށް ކުދިން ވަނުމަށް ފަހު އެ ތަނަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން. އަޅުގަނޑުމެން މިދަނީ ފުލުހުންނާ އެކު ވެސް މަޝްވަރާ ކުރަމުން،" ޝަފީއު ވިދާޅުވި އެވެ.

އަޅާނެ ވަކި ފިޔަވަޅުތަކެއް އަދި ނުނިންމާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

މާލޭގެ ހުރިހާ ސްކޫލެއްގައި ސެކިއުރިޓީ ގާޑުން މިހާރު ވެސް ތިބެ އެވެ. ސްކޫލް ފެށޭ ވަގުތާއި ނިމޭ ވަގުތު ފިޔަވައި، ސްކޫލު ތެރެއަށް އެހެން މީސްމީހުން ވަނުން މިހާރު ވެސް ހުއްޓުވަ އެވެ. ހަމަ އެހެންމެ، ދަރިވަރު ބަލައި ދާ ބެލެނިވެރިޔާއަކީ އެ ދަރިވަރުގެ ބެލެނިވެރިޔާކަން ޔަގީން ކުރުމަށް މިދިޔަ އަހަރު ވަނީ ކާޑެއް ވެސް ދޫކޮށްފަ އެވެ.

ޝަފީއު ވިދާޅުވީ ދަރިވަރުން ބަލައި ބެލެނިވެރިން ދާ ވަގުތު ކޮންމެ ބެލެނިވެރިއެއްގެ އަތުގައި ކާޑް އޮތްތޯ ބަލައިގެން ސްކޫލަށް ބެލެނިވެރިން ވެއްދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަަމަވެސް ބެލެނިވެރިންގެ އިތުރުން އެހެން ބަޔަކު ސްކޫލުގެ ތެރެއަށް ވަނުން ހުއްޓުވުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.