ތާޖުއްދީން ސްކޫލް (ޓީއެސް) ގެ ތެރެއަށް ބަޔަކު މިއަދު ވަދެ މާރާމާރީއެއްގައި ހިންގައި ކުއްޖަކު ޒަޚަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގި ކަމުގެ މައުލޫމާތު މެންދުރު 12:36 ހާއިރު ލިބިފައިވާ ކަމަށާއި އެ މާރާމާރީގައި ޒަޚަމްވި ކުއްޖާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މާރާމާރީ ހިންގި މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. އޭނާގެ ބޯ ފެޅުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައިނުވާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
މަންޒަރު ދުށް މީހަކު ބުނީ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ދަރިވަރަށް ހަމަލަދިން ދެ ފިރިހެނުން ސްކޫލްތެރެއަށް ވަދެގަތީ، ހެނދުނުގެ ސެޝަން ނިމުނު ގަޑީގައި، އެތެރެއަށް ވަން ބެލެނިވެރިންތަކެއްގެ ފަހަތުން ކަމަށެވެ. އަދި ސްކޫލްގެ ތެރޭގައި ހުރި ކުއްޖާއަށް އެ ދެ މީހުން ހަމަލާދިީ، ފިލަން މަސައްކަތް ކުރީ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
ހަމަލާ ދިން މީހާ ހިފެހެއްޓީ، އެ ސަރަަހައްދުގައި ތިބި ބެލެނިވެރިންތަކެއް ކަމަށް ވެ އެވެ.
"ދަރިވަރުން ނިމޭ ގަޑިއަށް ބެލެނިވެރިން ސްކޫލު ތެރެއަށް ވަން ގަޑީގައި، މި ދެ މީހުން ވެސް މިވަނީ. ސްކޫލް ތެރެއަށް ވަދެ އެތަނުގައި ހުރި ފިރިހެން ކުއްޖެއްގެ ބޮލުގައި އެއްޗަކުން ޖަހައި ބޯ ފަޅާލީ،" ހާދިސާ ހިނގި ގޮތް ކިޔައިދިން މީހާ ބުންޏެވެ.
މިދިޔަ އަހަރުގެ މޭ މަހު ޓީއެސްގެ ކުދިންތަކެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައިވެ އެވެ. އެ މާރާމާރީގައި ފިރިހެން ކުއްޖަކު ޒަޚަމްވި އެވެ.