ވިލާ ކުންފުނީގެ ހަތަރު ރިސޯޓަކަށް ކަސްޓަމްސް އިން އަރައި، އެތަނުގައި ހުރި ރަލާއި އޫރު މަސް ހިފަހައްޓަން ކުރަމުންދާ މަސައްކަތަކީ ވިލާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަމާޒު ކޮށްގެން ކުރާ ކަމެއް ކަމަށާއި އެކަމުގެ ގެއްލުން ލިބޭނީ ރާއްޖޭގެ ޓޫރިޒަމަށް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ފުލުހުންނާ އެކު ކަސްޓަމުން ވަނީ ވިލާގެ ފަސް ރިސޯޓަކަށް އެރުމަށް ފަހު، އޭގެ ތެރެއިން ހަތަރު ރިސޯޓަކަށް މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އެތެރެ ކޮށްފައި ހުރި ރަލާއި އޫރު މަސް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް އަންގައިފަ އެވެ. ކަސްޓަމްސް އިން އެތަންތަނަށް އެރީ ރޯޔަލް އައިލެންޑް ރިސޯޓަށް ދޫކުރި ބަނގުރާ ވިލާގެ އެހެން ރިސޯޓްތަކަށް ގެންދިއުމުގެ ތުހުމަތުގަ އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ކަންކަން ހިނގި ގޮތަށް ބަލާއިރު މިއީ ސީދާ ގާސިމް ކުރައްވާ އިސްލާހީ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ހިނގާ ކަމެއް ކަން އެނގޭ ކަމަށެވެ. އެކަމަކު މިއީ ގާސިމާ ހަމައިން ނިމޭނެ ކަމެއް ނޫން ކަމަށާއި ސަރުކާރާ ޚިޔާލު ތަފާތުވާ ކޮންމެ ވިޔަފާރިއަކަށް ވެސް މި ބިރު އެބައޮތް ކަމަށް ޝިފާޒް ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން ހަލާކު ވެގެންދާނީ ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވާ ޓޫރިޒަމް ކަމަށް އޭނާ ވިދާޅުވި އެވެ،
"ހުރިހާ ރިސޯޓަކަށް ފުލުހުން އެރީ ފުލްކޮށް ޓޫރިސްޓުން ތިއްބާ. މިއީކީ ސަން އައިލެންޑަކާއި ފަން އައިލެންޑަކާއި ރޯޔަލަކަށް ނޫނޭ މިކަން އަމާޒު މިވަނީކީ. މުޅި ދިވެހިރާއްޖޭގެ ފަތުރުވެރި ކަމަށޭ މި އަމާޒުވަނީ. ހަލާކުވެގެން މިދަނީ ގާސިމް އިބްރާހިމެއް ނޫން. ހަލާކުވެގެން މިދަނީ ރާއްޖޭގެ އިގްތިސާދު، ފަތުރުވެރިކަން." ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި ގާސިމަށް ގެއްލުން ދޭން ކުރާ އެއްވެސް ކަމަކުން، އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. އަދި ސަރުކާރުން ހާސިލްކުރާ އެއްވެސް ކަމެއް އެކަމުން ހާސިލް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާސިމް އިބްރާހިމްގެ ޕްރޮޕަޓީއަށް ދިމާކޮށް ގާނޫނީ ގޮތަކުން ޖަސްޓިފިކޭޝަނެއް އެ ބޭފުޅުންނަކަށް ނު ނެރެވޭނެ، އެ ބޭފުޅުންނަށް އެއީ ގާނޫނީ އިމުގެ ތެރެއިން ކުރާ ކަމެއް ކަމަށެއް ސާބިތެއް ނުކުރެވޭނެ. މީގައި ބޭނުމަކީ ގާސިމް އިބްރާހިމް ފަހަތަށް ޖެއްސުން ކަމުގައި ވަނީ ނަމަ، އެކަމެއް ނުވާނެ،" ޝިފާޒް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ މީހުންގެ މުދަލަކީ ގާނޫނު އަސާސީން ރައްކާތެރިކަން ލިބިދީފައިވާ އެއްޗެއް ކަމަށާއި އެއާ ޚިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. ރިސޯޓްތަކަށް ކަސްޓަމްސުން އެރުމަކީ ސިޔާސީ ގޮތުން ގާސިމަށް ހުރަސް އަޅަން ކުރާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ޔުމްނާ ވިދާޅުވި އެވެ. އަދި އެފަދަ ގާނޫނާ ޚިލާފް އަމަލުތަކުގައި އެއްވެސް މުއައްސަސާއަކުން ބައިވެރިނުވުމަށް ޔުމްނާ ގޮވާލެއްވި އެވެ.
"ގާސިމް އިބްރާހިމް ނިކުމެވަޑައިގެންނެވީ ސަރުކާރުން ކުރާ ނޭދެވޭ އަމަލުތައް، ކޮރަޕްޝަނާއި ވައްކަމާއި މިކަންކަން ހުއްޓުވުމަށް. ނިކުމެވަޑައިގަތް ހިސާބުން ގާސިމް އިބްރާހިމަށް ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަން ހުރިހާ ދިވެހި ރައްޔިތުންނަށް ހާމަވެގެން އެބަދޭ،" ޔުމްނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ރިސޯޓްތަކަށް އެރުމަކީ ސަރުކާރުން ގާސިމާ މެދު އޮތް ޒާތީ ހަސަދަވެރި ކަމެއްގެ ސަބަބުން ހިންގާ އަމަލުތަކެއް ކަމަށާއި މިއީ އިގްތިސާދާ ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ. އަދި ކުރިން ޖުމްހޫރީ ޕާޓީގައި ގާސިމާ އެކު ހުންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ވެސް އެކަމުގެ ފާޑު ކިޔުން ސަމީރު އަމާޒު ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ސްލޮޓެއްގައި ސަރުކާރުގެ ތެރެއަށް ގޮސް ސަރުކާރުގެ ތެރޭގައި ހުންނަވައިގެން ދެން އެ ކުރައްވާ ކަމެއް އެ ކުރައްވަނީ،" ޕީޕީއެމާއި ޖުމްހޫރީ ޕާޓީ ގުޅިގެން އެކުލަވާލި ކެބިނެޓުން މިނިސްޓަރު ސައީދަށް މަގާމު ލިބިވަޑައިގަތް ގޮތަށް އިޝާރާތް ކުރައްވައި، ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވި ގޮތުގައި ރިސޯޓްތަކަށް އެރީ ދާދިފަހުން އދ. މާމިގިލީގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ބޮޑު ޖަލްސާއަށް ފަހު، އިދިކޮޅު ފަރާތްތަކަށް ފިއްތުން ކުރިމަތި ކުރާނެ ގޮތެއް ނެތިގެން ކުރި ކަމެކެވެ. އެކަމަކު އެއިން އެއްވެސް ކަމަކީ އިދިކޮޅު ކޯލިޝަން ބައިބައިވެގެންދާނެ ކަމެއް ނޫން ކަމަށް ސަމީރު ވިދާޅުވި އެވެ.
"ކިތަންމެ ވަރަކަށް ތި އަނިޔާތައް ދިންކަމުގައި ވީ ނަމަވެސް އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތައް އެކައްޗެއްގެ ގޮތުގައި ތިބޭ ތިބުމަށް ބަދަލެއް ނާންނާނެ. އިރާދަކުރެއްވިއްޔާ ގާސިމް އިބްރާހިމާއި ދެން އެކުގައި ތިބި ޕާޓީތައް އަދިވެސް ތިބޭނީ އެކުގައި،" ސަމީރު ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު އަލީ ނަޒީރު ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަނުން ކަންބޮޑުވަނީ ކޮންމެހެން ވިލާގެ ރިސޯޓްތަކަށް އަރައި، ބައެއް ތަކެތި ހިފަހައްޓަން ނިންމުމަކުން ނޫނެވެ. އެ ކޯލިޝަނުން ކަންބޮޑުވަނީ އެފަދަ އަމަލުތަކުގެ ސަބަބުން ނުބައި އުސޫލުތަކެއް ގާއިމް ކުރެވި، ރައްޔިތުންނަށް މުދަލުގެ ރައްކާތެރިކަން ލިބުމުގެ ޔަގީންކަން ގެއްލިގެންދާތީ ކަމަށް ނަޒީރު ވިދާޅުވި އެވެ. އަދި މިހާރު ހިންގާ ކަންކަމަކީ ނުބައި ކަންތައްތަކެއް ފެށިދާނެ ކަމުގެ ސިންގަލްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ފަރުދެއްގެ މުދާ ނުރައްކަލުގެ ތެރެއަށް ހުށަހެޅުމުން އެ ކަނޑައެޅެނީ ޕްރެސީޑެންޓެއް. އެ ކަނޑައެޅޭ ޕްރެސީޑެންޓުގެ ދަށުން ކުރިއަށް އޮތް ތަނުގައި، މާނައަކީ ރައްޔިތުންގެ އެއްވެސް މީހަކަށް އެ މީހެއްގެ މުދަލާއި އެ މީހެއްގެ ގެދޮރުގެ ހުރުމަތްތެރިކަމުގެ ކަށަވަރު ކަމެއް ޔަގީން ނުކުރެވޭނެ،" ނަޒީރު ވިދާޅުވި އެވެ.
ދައުލަތަށާއި ރައްޔިތުންނަށް އެތައް ގޮތަކުން އެހީވަމުންދާ ވިޔަފާރިވެރިންގެ މުދާ ހިފަހައްޓަމުން ދާއިރު، މުދަލުގެ ރައްކާތެރިކަން ވިޔަފާރިވެރިންނަށް މިހާރު އެބައޮތްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އަދި މިއީ ވިޔަފާރިވެރިން ގޮތް ނިންމަންޖެހޭ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.