ރަލާއި އޫރުމަސް އެތެރެކުރުމަށް ގާސިމްގެ ރިސޯޓުތަކަށް 14 ދުވަހުގެ ވަގުތީ ހުއްދައެއް ދީފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް އެތެރެކުރުމަށް 14 ދުވަހުގެ ވަގުތީ ލައިސަންސެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.


ސަރުކާރުން ވަގުތީ ލައިސަންސެއް ދޭން ނިންމިއިރު، ގާސިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން އާއި އެތަނުގެ ދަށުން ހިންގާ ރިސޯޓުތަކަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ. އެންމެ ފަހުން ހުއްދަ ހިފެހެއްޓީ، ގާސިމްގެ އައިލެންޑް ޓްރެވެލް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގާ ރޯޔަލް އައިލެންޑް ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމަށް ދީފައިވާ ހުއްދަ އެވެ.

ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވިލާގެ ރިސޯޓުތަކަށް ވަގުތީ ލައިސަންސެއް ދޭން ނިންމީ ރާއްޖޭގެ ޓޫރިޒަމަކީ އިގްތިސާދަށް މުހިއްމު ސިނާއަތަށް ވާތީވެ، ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންގެ ހިތްހަމަޖެހުމަށް ކަމަށެވެ. ޓޫރިޒަމް ދާއިރާގައި، ޓޫރިސްޓުންނާ ގުޅުން ހުރި ހިދުމަތްތައް ލިބެން ހުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"އެހެންކަމުން، މިފަދަ ހިދުމަތްތައް މިހާރު ތިބި ފަތުރުވެރިންނަށް ލިބިދިނުމަށްޓަކައި އެ ރިސޯޓުތަކަށް 14 ދުވަހުގެ ވަގުތީ ލައިސަންސެއް ދޫކޮށްދެއްވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ދެންނެވިފައިވާނެ އެވެ،" ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"ސަރުކާރުން މި ނިންމެވުން މިގޮތަށް މި ނިންމެވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި އަދިވެސް އެހެނިހެން ސްޓޭކްހޯލްޑަރުންނާ އެކު ކުރެވުނު މަޝްވަރާއާ އެކު ކަމުގައި ވެސް ދެންނެވީމެވެ."

ވިލާ ކުންފުންޏާއި އެ ކުންފުންޏާ ގުޅުން ހުރި އެހެން ތަންތަނަށް ދޫކުރި ބައެއް ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިން ކޯޓަށް ހުށަހަޅާފައިވާ ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި، ވިލާގެ ރިސޯޓުތަކުން ނުދައްކާ ހުރި ގްރީން ޓެކްސް އާއި ޓީޖީއެސްޓީ ވެސް ހޯދަން މީރާ އިން ތަކުރާރުކޮށް އަންގާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ފައިސާ ނުދައްކައި ރިސޯޓުތައް ހިންގުމަކީ، ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި، އެ ފަރާތަކާ މެދު އެކުލަވާލާފައިވާ އެއްބަސްވުމާއި ގާނޫނާއި ޓެކްސްގެ ގާނޫނާ ވެސް ހިލާފު ކަމެކެވެ.

"އެހެންކަމަށްވުމާއެކު އޮންނަ އުސޫލުގެ ދަށުން ސަރުކާރުން މިފަދަ ތަންތަނަށް ދެމުންގެންދާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މީރާގެ ރެކޯޑު ޗެކުކުރެވެ އެވެ. އަދި މީރާއިން ދެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ދައްކަން ޖެހޭ ފައިސާ ނުދައްކަވާނަމަ ސަރުކާރުން ދޭ ހިދުމަތްތައް މެދުކަނޑާލުމަކީ ގެންގުޅޭ އުސޫލެކެވެ،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ އެހެންވިއަސް، ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް ދޭން ޖެހޭ ހިދުމަތެއް އެފަދަ ސަބަބަކާ ހުރެ ނަމަވެސް މެދުކެނޑުމަކީ ޓޫރިސްޓުންގެ ހިތްހަމަނުޖެހުން ރާއްޖެއާ މެދު އޮވެދާނެ ކަމެއް ކަމަށެވެ. އެ މައްސަލައަށް ހައްލު އަންނާނީ، ޓޫރިޒަމްގެ ދާއިރާ އިން ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނިގޮތުގައި ރިސޯޓުތައް ހިންގާ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދައްކަން ޖެހެ އެވެ. ޓޫރިޒަމްގެ ދާއިރާ އަށް އެންމެ ފައިދާ ހުރި ގޮތަކީ އެއީ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ވިލާ ޝިޕިން އެންޑް ޓްރޭޑާއި އެ ކުންފުންޏާ ގުޅުން ހުރި ކުންފުނިތަކުން ހިންގަމުންދާ ރިޒޯޓުތަކުން ކުއްޔާއި ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ހުރި ފައިސާ ހޯދުމަށް މީރާ އިން ކޯޓުތަކުގައި ދައުވާ ކޮށްފައިވާތީވެ އެ ފައިސާ ދައުލަތަށް ދެއްކުމުން ނޫނީ އިސްވެ ދެންނެވުނު މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ނުދާނެ ކަމަށާއި އަދި މިއީ ގަވާއިދާ އެއްގޮތަށް ދައުލަތަށް ކުއްޔާއި ޓެކްސްގެ ގޮތުގައި ފައިސާ ދައްކަމުންދާ ފަރާތްތަކަށާއި ޖުމްލަކޮށް މުޅި ސިޔާސަތަށް ވެސް މުހިއްމު ކަމެއް ކަމުގައި މި މިނިސްޓްރީން ގަބޫލުުކުރަމެވެ،" ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓޫރިސްޓުންގެ ހިތްހަމަޖެހުމާއި ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކޮށްފައިވާނެ ކަމަށް ބަޔާނުގައި ބުންޏެވެ. އަދި ހިތްގައިމު މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.