ޕީޕީއެމްގެ ޕްރެސް ކޮންފަރެންސްގައި، ނިހާން އާއި އަލީ އާރިފްގެ އިތުރުން ޚަލީލް ބައިވެރިވެވަޑައިގަންނަވަނީ.
24 ޖެނުއަރީ 2018 - 16:24
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކުގެ މައްސަލާގައި ފުލުހުންގެ އެހީތެރިކަމާ އެކު ކަސްޓަމްސް އިން ހިންގި ތަހުގީގު ޓީމުގައި ހިމެނޭ މީހުންގެ ނަންތައް އާއްމުކުރީ، ބިރުދައްކަން ކަމަށާއި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސްގެ އޮޕަރޭޝަނުގައި ހިމެނޭ ކަސްޓަމްސްގެ 37 އޮފިސަރުންނާއި ހަތް ފުލުހެއްގެ ނަން ވިލާ ކުންފުނިން އާއްމުކޮށްފައިވާ ކަމަށެވެ. ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގައި ހިމެނޭ މީހުންގެ ނަންތައް މިގޮތަށް އާއްމުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި، އެކި މައްސަލަތައް ތަހުގީގު ކުރަން އުޅޭ ފުލުހުންގެ ނަންތައް އާއްމުކުރުމުގެ ސަބަބުން އެ ފުލުހުންނާ ދޭތެރޭގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަނިޔާވެރި އަމަލުތަކެއް މީގެ ކުރިން ވެސް ހިންގާފައިވެ އެވެ. މިފަދަ އަނިޔާތަކުގައި ބައެއް ފުލުހުން މަރުވެފައިވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
"ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ނަންތައް އާއްމުކުރުމުގެ ނަތީޖާ ނިކުންނާނީ ވަރަށް ގޯސްކޮށް. ގާނޫނު ތަންފީޒުކުރާ ފަރާތްތަކާ މެދު އަނިޔާވެރި އަމަލުތައް ހިންގަން ހިތްވަރު ދިނުމަކީ ޒަމާނުއްސުރެން އަޅުގަނޑުމެން ދެކޮޅު ކަމެއް،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިލާގެ ރިސޯޓުތަކުގައި ވެސް ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުން މަސައްކަތް ކުރީ އެ ދެ މުއައްސަސާގެ ހުއްދައާ އެކު ގާނޫނު ތަންފީޒުކުރާށެވެ. އެ މަސައްކަތުގައި އުޅުނު މީހުންނާއި އެ މީހުންގެ އަނބިދަރިންނަށް ގެއްލުންވާ ގޮތަށް، ސޯޝަލް މީޑިއާގައި ނަމާއި ފޮޓޯ އާއްމުކުރުމަކީ ކަމާ ގުޅޭ އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމެއް ކަމަށް ނިހާން ވިދާޅުވި އެވެ.
"އެއީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ފުލުހުންގެ ނަންތައް އާއްމުކުރަން އެމްޑީޕީން ހިތްވަރު ދޭތަން ފެންނަ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވި ގޮތުގައި ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންނަށް ބިރުދައްކަން ހިންގަމުންދާ އަމަލުތައް ބަލައެއް ނުގަނެވޭނެ އެވެ. ރާއްޖޭގައި އެތައް ރިސޯޓެއް ހިންގަމުން އަންނައިރު، ވަކި ކުންފުންޏެއްގެ ރިސޯޓަކުން ޓެކްސް ނުދެއްކުމާއި ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތު ކުރެވުމުން އެކަން ބެލުމަކީ ތަންފީޒީ އިދާރާތަކަށް ގާނޫނުން ކުރަން ލާޒިމް ކަމެއް ވެސް ވިދާޅުވި އެވެ.
އެ މަސައްކަތުގައި އުޅޭ ޓީމުތަކުގެ މެމްބަރުންނަށް ހުރަސްއަޅައި ބިރުދައްކައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަސްޓަމްސް އާއި ފުލުހުންނާއި އެހެން ވެސް ތަންފީޒީ އިދާރާތަކުން ކުރާ މަސައްކަތްތައް މި ޕާޓީން ހިތްވަރު ދެން. އެ ބޭފުޅުންނާ ދެކޮޅަށް ހިންގޭ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އަލީ އާރިފް ވިދާޅުވި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ތަންފީޒީ އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނަކީ ވަރަށް ބުރަކޮށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ބައެއް ކަމަށެވެ. އެ މީހުންނާ ދެކޮޅަށް ހިންގާ ކަންކަން ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
25 January 2018
ހާދަ ހީވެއޭ މިހާރު ސަރުކާރު ހިންގަނީ ޕީ.ޕީ.އެމް. ކައުންސިލުންހެން. މުއައްސަސާތަކަށް އަމުރުކޮށް އެހެން ޕާރޓީ ތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން އަންގާތަން ވެސް އެބަ ފެނޭ. އަނެއްކާ މިފަހަރު ރިޔާސީ އިންތިޚާބުގަ ޚަލީލު ރައީސްކަމަށް ނިހާނު ރަނިން މޭޓަކަށް ވާދަކުރަނީ ނުންބާ.
އަސްލަމް އަބުދުއްރަހީމް
25 January 2018
ހުޅުމާލޭގަ ރާވިއްކާ ބޮންޑެއް ހުރޭތަ، ހުންނަ ކަމަށް ވަނީ ނަމަ އެއީ މަނާ ކަމެއް ދޯ، މީހުން ދިރި އުޅޭ ރަށް ރަށުގަ ބަނގުރާ ވިއްކުމަކީ މަނާކަމެއް ނޫންތަ. މީ ކޮން ބައެއް ކުރި ކަމެއްބާ، މަށެއް ނޭދެން އަހަރުމެން އުލޭރަށުގަ ރާ ބޮންޑެއް ބަހައްޓާކަށް
އަލިބެއްޔާ
25 January 2018
ނިހާނޫ. ތިހެން ސަރުކާރު ޑިފެންޑްކުރަން އުޅެ އުޅެ ތިޔޮއްގެން މީހާ ހަފުސްވަނީ. ފޮޓޯއިން ކިތައްމެ ރަނގަޅައްވެސް ތިންމީހުންގެ މޫނުމަތިންވެސް މިކަން ފެނޭ. މިހާރު ދެން މިނޫންގޮތެއް ނެތްކަން ވެސް އެނގޭ. ހަމްދަރުދީވަން. އަދި ހަމަ މިސަކަރާތްގަނޑު ނިމުނުހާ އަވަހަކަށް ކޮޅު ބަދަލުކޮށްލާ ރަނގަޅު ޗުއްޓީއެއް ނަގާ އަލުން ބަލުން ތާޒާވެލައިގެން ސިޔާސީ މައިދާނަށް ނިކުންނާނެ ފުރުސަތު ލިބޭނެ ކަމަށް ކިތައްމެހާވެސް އުއްމީދު ކުރަން.
ބަސް
25 January 2018
ނަން ހާމަ ކުރުމަކީ މައްސަލައެއްނޫނެވެ. ޢަދި ބިރު ދެއްކުމެއްވެސްނޫނެވެ.ޣައިރު ގާނޫނީ ކަމެއްނުކުރާހާ ހިނދަކު މަގާމު ހައިސިްޔަތުން ކުރާ ކޮންމެކަމެއް ހެއުހިރުން ބަލައިގަންނަންޖެހޭނެއެވެ. ހަމަ އެހެންމެ ގާނޫނާއި ޚިލާފު ކަމެއް ކޮންމެ ފަރާތަކުން ކުރި ނަމަވެސް އެކަމަކާ ދެކޮޅުވެރިވެ އެކަމެއް ހުއްޓުވާން ކުރެވެން އޮތްކަމެއް ކުރާންވާނެވެ.. ޙުތުބާގައިވެސް މިވާހަކަ މިގޮތަށް ކިޔާނޫންތޯއެވެ.
މަހުރަބު
24 January 2018
ދެން ކީއްވެތޯ ޕޮލިސް އޮފިސަރެއް ވިޔަސް އަދި ކަސްޓަމް އޮފިސަރެއްވިޔަސް ޔުނިފޯމުގައި ނަން ޖަހައިގެން އެއުޅެނީ. ކުލަ ހެދުމުގައި އުޅޭއިރުވެސް ކާކުކަން އަންގައިދޭ އޮފީސް ކަރޑު މިވެރިން ކަރުގައި އަޅުވައިގެން އުޅެނީ. އޭގައި ނަމާއި އިންޑެކްސް ނަންބަރު ހަމަ ގައިމުވެސް އިނދޭ.
އަދީބު
24 January 2018
ތަންފީޒު ކުރަނީ ޕޕމ ގެ ގާނޫނު ނަމަ ނަތީޖާ ގޯސްވާނެ. ރަނގަޅު ވެގެން ވެސް ނުވާނެ. އެކަމަކު ތަންފީޒު ކުރަނީ ޤާނޫނު އަސާސީ އާއި އެއާ ފުށު ނާރާ ގޮތަށް ހަދާފައިވާ ޤާނޫނުތައް ނަމަ ނަތީޖާ ގޯސްވާނެ ކަމަކަށް ނުދެކެން. ހީވާ ކަހަލަ މިއީ ގާނޫނު ތަންފީޒު ކުރާ ފުރަތަމަ ފަހަރޭ. ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް ނަމެއް ނުކިޔާ ނަމަ ނަމެއް އާންމެއް ނުކުރެވޭނެތާ؟ މިއީ 1900 އެއް ނޫން. މިއީ 2018. ވަކި ބަޔަކު ބޭނުން ވިޔަސް ނުވިޔަސް މިހާރު އެންމެން ވެސް މިތިބީ ރޯފިލާފައި. ރަނގަޅާއި ނުބައި އެންމެނަށް ވެސް އެނގޭ.
falaku ain
24 January 2018
އަނެއްކާ ފުލުހުންނަށް ގޯނާ ކުރުމެއް ފެށެން އުޅެނީބާ؟ ތިކަމުގައި ނިހާނުގެ ކޮންކަމެއްބާ އުޅެނީ؟
އަބުރު
24 January 2018
ތިޔައީ އެއްވެސް ހައިސިއްޔަތެއް ނެތްބައެއް. ޕީޕީ އެމް ގެ ފަރާތުންވެސް. ދެން ތިޔަ ތިންމީހުންނަކީ ކަސްޓަމާއި ޕޮލިހުންގެ ފަރާތުންވެސް. ބަސްބުނެވޭނެ ބައެއްނޫން. ލަދު
ފޫހި
24 January 2018
ނިހާނޫ ފުލުހުން ނަށް ރައްޔިތުންގެ މެދުގަ ތަފާތުކުރެވޭނެތަ? ނިހާނޫ ޕީޕީ ހިތުހުރިކަމެއްކުރުމަށް ފުލުހުންގެ އެއްބާތުލުންދީފައި. އިދިކޮޅުމީހުންނަށް ޕޭމަންޓުގަެއި ވެސް ތިބިޔަނުދޭ. ތިޔަބުނާ ގުލުހުންގެ ގުރޫޕުން އައިސް ގަޔަށްލޮލަށް ބޮލަށް އަރައިގަނޭ. ނިހާނޫ ހަލުއި ދުލެއް މާތް ﷲ ދެއްވުމަކީ ހަގީގަތް އޮޅުވާލުމަށް ލިބޭ ދައުވަތެއްނޫން.
އަސަދު
24 January 2018
ނިހާނޫ ތިބުނާ ބަޔަކު ތަންފީޛުކުރީ ކޮންޤާނޫނެއްތޯ؟ ކަސްޓަމްސް އަކީ ޖިނާއީ މައްސަލަ ތަޙްޤީޤުކުރުމުގެ ބާރު އޮތްތަނެއްނޫނޭ ނިހާނޫ. ޤަވާއިދުން އެތެރެކޮށްފައި ހުރި ބައެއްގެ މުދާ ކަސްޓަމްސްއަކަށް ނުހިފެހެއްޓޭނެ. މީސްމީހުންގެ މުދާ ހިފެހެއްޓޭނީ ކޯޓަކުން ކުރާ ޙުކުމެއްގެދަށުން. ނަންތައް ހާމަކުރީ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގީމަ. ދެންވެސް ކޮސްނުތަޅާ މަޑުންތިބެވޭތޯ ބަލާށެވެ.