މިދިއަ ދެ މަހު 173 މީހަކަށް ޑެންގީ ޖެހުނު، ހުން ފެތުރޭ މިންވަރު ދަށަށް

މިދިޔަ މަހާއި މި މަހުގެ މިހާތަނަށް 173 މީހަކަށް ޑެންގީ ހުން ޖެހުނަސް ޑެންގީ ފެތުރޭ މިންވަރު މިހާރު ދަށްވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.


އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ވޭތުވެދިޔަ ތިން ހަފުތާއަށް ބަލާއިރު ޑެންގީ ފެތުރޭ މިންވަރު ދަށްވަމުން އަންނަ ކަމަށެވެ.

ވޭތުވެދިޔަ ދެ ހަފްތާގައި އެންމެ ގިނަ މީހުންނަށް ޑެންގީ ހުން ޖެހުނީ މާލެ އާއި ހުޅުމާލެ އާއި ހއ. އިހަވަންދޫ އަދި ލ. އިސްދޫންނެވެ.

އެގޮތުން އިސްދޫގައި 32 މީހުންނަށް، ހުޅުމާލޭގައި 11 މީހުންނަށް، އިހަވަންދޫގެ 12 މީހުންނަށް ޑެންގީ ޖެހުނު ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެކަމަކު މާލޭން ޑެންގީ ޖެހުނު މީހުންގެ އަދަދު އެ ބަޔާނަކު ނެތެވެ.

މީގެ ކުރިން އެޗްޕީއޭ އިން ބުނެފައި ވަނީ މާލޭން 150 އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ޖެހުނު ކަމަށެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މި ދުވަސްވަރު ޑެންގީ ހުން ފެތުރެމުން ދަނީ ވިއްސާރަވުމާއި ކުނި އުކާލުން އިތުރުވުމާއި މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ގިނަވުމުންނެވެ.

ޑެންގީ ހުން ފެތުރޭ ރަށްރަށުގައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި ފޮގް ކުރުމާއި އާންމުން ހޭލުންތެރިކުރަން އެޗްޕީއޭގެ ލަފަޔާ އެކު ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ޑެންގީ އަކީ އެއިޑިސް މަދިރިން ޖެހޭ ހުމެކެވެ. ސާފު ފެނަށް ބިސް އަޅައި އާލާވާ މި މަދިރިން ސަލާމަތް ވުމަކީ ބަލިން ރައްކާތެރިވާން އެޅެން އޮންނަ އެންމެ މުހިންމު ފިޔަވަޅެވެ. އެގޮތުން ފެން ހަރުލާ ގޮތަށް އެއްޗެހި އުކާލާފައި ނުބަހައްޓަން އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.