ކުޑަކުދިންނަށް ޖިންސީގޯނާކުރަން ހިތްވަރުދީ، ފޭސްބުކް ޕޭޖެއްގައި ކުޑަ އަންހެން ކުދިންގެ ފޮޓޯ އާއްމު ކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުސް އޮފީހުން މިރޭ ބުނީ ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތަކެއް ލިޔެ ފޭސްބުކްގައި އާއްމުކުރަމުންދާ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އެ ޕޭޖުގައި ވާ ފޮޓޯ އާއި ޕޯސްޓްތައް އެއްވެސް މީހަކު ޝެއާ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައި ވެ އެވެ.
އުމުރުން ދިހަ ވަރަކަށް އަހަރުން ދަށުގެ ދިވެހި އަންހެން ކުދިންގެ ފޮޓޯ މި ޕޭޖުގައި ހިމަނާފައިވަނީ ޖިންސީ ގޯނާއަށް ހިތްވަރު ލިބޭގޮތަށް ވަރަށް ބޭ އަދަބީ ބަސްތަކާ އެކުގަ އެވެ. މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން މި ޕޭޖު ހިންގަމުން އަންނައިރު، މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ވަރަށް ފަހުންނެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އަދި އެފަދަ މީހުންނަށް ގާނޫނުގެ ދަށުން ހަރުކަށި އަދަބުތައް ވެސް ދެ އެވެ.