ގާޒީ ނިހާނަށް ފަރުވާ ދިނުމަށް ފަހު އަނބުރާ ޖަލަށް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނަށް ރޭ ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަށް ފަރުވާ ދިނުމަށް ފަހު މާފުށީ ޖަލަށް އަނބުރާ ގެންގޮސްފައިވާ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.


ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރެއްވި މައްސަލާގައި ނިހާން 17 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ ނިހާން ރޭގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންދިޔައީ ބަލިވެގެން ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އަޑު ފެތުރުނު ގޮތުގައި ނިހާނަށް ފަރުވާ ދިނުމަށް މާލެ ގެނައީ ޖަލުގައި ހުންނަވަނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ.

ނަމަވެސް ނިހާނަށް ހާޓް އެޓޭކެއް ޖެހުނު ވާހަކަ ކަރެކްޝަންސްގެ އޮފިޝަލް ދޮގުކުރެއްވި އެވެ.

"ނިހާނަށް މާ ބޮޑު ކަމެއް ނުވޭ. މިކޮޅަށް ގެނައިއިރު ވެސް ނޯމަލް. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، މިއަދު ހެނދުނު 7:30 ގައި ޖަލަށް ވަނީ ގެންގޮސްފައި،" އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ދަންވަރު މާމިގިލީ ކޯޓު ހުޅުވައި، ކ. މާފުށީ ކޯޓުގެ ނަމުގައި އެ ލިޔުން ތައްޔާރުކުރި މައްސަލާގައި ނިހާންގެ މައްޗަށް ހުކުމް އައީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި އެކަމުގައި ބައިވެރިވެވަޑައިގަތްކަން ސާބިތުވުމުންނެވެ.

ނިހާންގެ މައްޗަށް އެ ހުކުމް އައި ނަމަވެސް އޭނާއަށް ފަނޑިޔާރުކަމުގެ މަގާމެއް އަދި ނުގެއްލެ އެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ.