ޚަބަރު / ފާރިސް މައުމޫން

ފާރިސް ބޭނުންވާ މިނިވަން ފޮރެންސިކް ތަހުލީލަށް ފުރުސަތެއް ނެތް: ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރަމުންދާ ރިޝްވަތުގެ ދައުވާގައި، މިނިވަން ތިން ވަނަ ފަރާތެއް މެދުވެރިކޮށް ފޮރެންސިކް ތަހުލީލެއް ކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ފާރިސަށް ކުރާ ރިޝްވަތުގެ ދައުވާއާ ގުޅިގެން ދައުލަތުން ހުށަހެޅި ފޮރެންސިކް ހެކިތަކުގެ ތަހުލީލެއް، މިނިވަން ތިން ވަނަ ފަރާތެއް ލައްވައި ހަދަން ފާރިސްގެ ފަރާތުން އޮތީ ކުރިން ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އެކަމާ މެދު ގޮތެއް ނިންމަވަމުން އެ މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އެ ފުރުސަތު ދެވެން ނެތީ ރާއްޖޭގައި އެ ފަދަ ތަހުލީލެއް ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުންނާއި އެކަމާ ބެހޭ އުސޫލުތަކެއް ވެސް ނެތުމުން ކަމަށެވެ. އަދި އެ ފުރުސަތު ދޭ ނަމަ ޝަރީއަތް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތްކަން ވެސް ގާޒީ އާދަމް ފާހަގަ ކުރެއްވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި ތިން ވަނަ ފަރާތެއް މެދުވެރިކޮށް ފޮރެންސިކް ތަހުލީލު ހެދުމުގެ ފުރުސަތު ނުދިނަސް، ދައުލަތުން މިހާރު ހުށަހަޅާފައިވާ ފޮރެންސިކް ރިޕޯޓާ ގުޅިގެން އެ ރިޕޯޓް ހެދި ފަރާތާ ސުވާލު ކުރުމުގެ ފުރުސަތު ފާރިސަށް ޝަރީއަތުގައި ލިބޭނެ އެވެ.

ގާޒީ އާދަމް އެގޮތަށް ނިންމެވުމުގެ ކުރިން ދައުލަތުން ވެސް މިއަދު ވަނީ އެ ފުރުސަތު ދިނުމަށް ދެކޮޅު ހަދާ ކަމަށް ބުނެފަ އެވެ. ކުރީގެ އަޑުއެހުންތަކުގައި، އެ ފުރުސަތު ފާރިސަށް ދިނުމަށް ދެކޮޅު ނަހަދާ ކަމަށް ދައުލަތުން ބުންޏަސް، މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ އެ ނިންމުން މުރާޖައާ ކުރުމަށް ފަހު މިހާރު އެކަމަށް ދެކޮޅު ހަދާ ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ އެ ފުރުސަތު ދޭން ފަށައިފި ނަމަ ޝަރީއަތް ދިގުލައިގެން ދާނެތީ އާއި އެފަދަ އިންތިޒާމްތަކެއް ރާއްޖޭގައި ހަމަޖެހިފައި ނެތުމެވެ. އަދި އެ ފުރުސަތަކީ ހުރިހާ މައްސަލަތަކެއްގައި ދައުވާ ލިބޭ ފަރާތްތަކަށް ހަމަހަމަކޮށް ނުލިބިދާނެ ފުރުސަތުތަކެއް ކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.

ދައުލަތުން އެކަމަށް ދެކޮޅު ހެދުމުން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ އެކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. މައުމޫން ވިދާޅުވީ އެ ފުރުސަތު ނުދޭން އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށާއި މީގެ ކުރިން އެފަދަ ފުރުސަތެއް މީހަކަށް ދީފައި ނެތުމަކީ މިހާރު އެ ފުރުސަތު ފާރިސަށް ލިބެން ނުޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ދައުލަތުގެ ވިސްނުން ކުއްލި ގޮތަކަށް މިއަދު ބަދަލުވި ސަބަބާ މެދު މައުމޫން ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑުމެން އެދެން މިހާ ހިސާބުން މިއަދުގެ އަޑުއެހުން މެދުކަނޑާލައި، އެހެން ދުވަހަކު އަޑުއެހުން ބާއްވަން. އޭރުން ފަހަރެއްގައި ދައުލަތުން ވިސްނުން އަނެއްކާ ވެސް ބަދަލުވެދާނެ. ތަކުރާރުކޮށް މީގެ ކުރިން ވިދާޅުވީ އެ ފުރުސަތު ފާރިސަށް ދޭން ދެކޮޅު ނަހަދަމޭ. އެކަމަކު މިއަދު އެ ވިދާޅުވީ ވިސްނުން ބަދަލުވީއޭ، އެ ފުރުސަތު ދޭކަށް ނުޖެހެއޭ،" މައުމޫން ވިދާޅުވި އެވެ.

ދައުލަތުން ދެކޮޅު ހެދުމުގެ ކުރިން، ފާރިސްގެ ވަކީލުން މިއަދު ވަނީ ފޮރެންސިކް ތަހުލީލެއް ހެދުމަށް ފާރިސްގެ ފަރާތުން ހުށަހަޅާ ފަރާތުގެ މައުލޫމާތު ވެސް ހުށަހަޅައިފަ އެވެ. ފާރިސްގެ ފަރާތުން ހުށަހެޅީ އިންޑިއާގައި ހިންގާ އެފަދަ ފާމެއް ކަމަށްވާ ކޭޕީއެމްޖީ ކިޔާ ކުންފުންޏެކެވެ. އޭގެ ތަފްސީލުތައް އެ ފާމާ މިހާރު ހިއްސާކޮށްފައިވާ ކަމަށާއި ބަލަންޖެހޭ ބެލުންތަކަށް ފަހު އެއްބަސްވުމަކަށް އަންނަން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

0 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 10%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454