ސުޕްރީމް ކޯޓަށް ހުކުމް ނުކުރެވެނީ ރައީސް ޔާމީންގެ ނުފޫޒާ ހެދި: މަހްލޫފް

ސުޕްރީމް ކޯޓުން ބޭނުންވާ ގޮތަށް މައްސަލަތަކުގައި ހުކުމް ނުކުރެވިގެން އުޅެނީ ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒު އޮތީމާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.


ސްރީލަންކާގައި ހަތަރު މަސް ހޭދަ ކުރެއްވުމަށް ފަހު، މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި މަހްލޫފް ވިދާޅުވީ ރައީސް ޔާމީން މަގާމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ބަލާ އިރު، ރައީސަކަށް ހުންނަވާ ބޭފުޅެއްގެ ޝަރުތު ހަމަވޭތޯ ބެލުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެކޭ އެއްގޮތަށް މަޖިލީހުގެ މެމްބަރުންގެ ޝަރުތު ހަމަވޭތޯ ވެސް ބަލާނީ ސުޕްރީމް ކޯޓުން ކަން މަހްލޫފް ފާހަގަކުރެއްވި އެވެ. އެހެންވެ، ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް ޔާމީންގެ ނުފޫޒެއް ނެތި ހުކުމްތައް ކުރެވިގެންދާ ތަން ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ޖާގަ (ސުޕްރީމް ކޯޓަށް) ލިބިގެންދާ ނަމަ، އެ ކަންކަން ހަމަޖެހިގެންދާނެ،" މަހްލޫފް ވިދާޅުވި އެވެ.

ރައީސް ޔާމީން މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިތުރު އިސްލާހުތަކެއް ގެންނަން ކޯޓުން އަންގާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން، ގާނޫނުއަސާސީއާ ރައީސް ޔާމީން ޚިލާފްވެވަޑައިގަތް ކަމަށް ކަނޑައަޅައިދޭން އެދި އެވެ. އަދި އެ މަނިކުފާނު މަގާމުން ދުރުކޮށް، ނައިބު ރައީސާ ވެރިކަން ހަވާލުކުރަން ވެސް އެ މައްސަލައިގައި އެދިފައިވެ އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އެންމެ އިސް ކަމެއް ދީގެން މިހާރު ކުރަމުން އަންނަ ކަމަކީ މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތެވެ. ރިޔާސީ އިންތިހާބަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ ވަޑައިގަތީ ރައީސް ޔާމީން އޭނާ ޖަލަށް ނުލާނެ ކަމަށް ގަބޫލުކުރާތީ ނޫން ކަމަށާއި އިންތިހާބު ކާމިޔާބު ކުރުމަށް ކޮންމެ ގުރުބާނީއެއް ވެސް ވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށާ އިރު، މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ކަނޑައަޅައިފަ އެވެ. އަދި މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

މަހްލޫފް ވިދާޅުވީ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށާ އިރު، އެ ދުވަހުގެ ޖަލްސާގައި 12 މެމްބަރުންނަށް ބައިވެރިވެވަޑައިގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.