އެއްބަސްވުމެއް ނެތި 19 މިލިއަން ރުފިޔާގެ ތަކެތި ހައުސިން މިނިސްޓްރީން ހޯދި: އޮޑިޓް ރިޕޯޓު

އެއްބަސްވުމެއް ނެތި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޚިދުމަތާއި ތަކެތި ހޯދާފައިވާކަން ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.


އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ އާންމު ކުރެއްވި، ހައުސިން މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނީ، އެ މިނިސްޓްރީން ޚިދުމަތާއި ތަކެތި ހޯދާފައި ވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށެވެ.

މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ދައުލަތުގެ މަސައްކަތެއް ކުރުމަށް އެއްވެސް ފަރާތަކާ ހަވާލުކުރަން ވާނީ އެ މަސައްކަތް ކުރުވުމާ ބެހޭ ގޮތުން ދެ ފަރާތުން ސޮއި ކުރުމަށް ފަހު އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، ހައުސިން މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ޕަބްލިކް ސާވިސްއިން އެއްބަސްވުމެއް ނަހަދައި ކުރި ބައެއް ބޮޑެތި ޚަރަދުތަކުގެ ތެރޭގައި ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ބޭނުންވާ ހެވީލޯޑު ވެހިކަލް ގަތުން ހިމެނޭ ކަމަށެވެ.

އެހެންވެ، އޮޑިޓަ ޖެނެރަލް ހަސަން ލަފާ ދެއްވީ ދައުލަތުގެ މަސައްކަތެއް ކުރުމަށް އެއްވެސް ފަރާތަކާ ހަވާލު ކުރަން ވާނީ އެ މަސައްކަތް ކުރުވުމާ ބެހޭ ގޮތުން ނުވަތަ ޚިދުމަތެއް ހޯދުމާ ބެހޭ ގޮތުން އެއްބަސްވުމެއްގައި ދެ ފަރާތުން ސޮއިކުރުމަށް ފަހު ކަމަށެވެ.

މީގެ އިތުރުން، އަވަސްކޮށް ކުރަން ޖެހޭ މަސައްކަތެއް ނުވަތަ ހޯދަން ޖެހޭ ޚިދުމަތެއް ކަމުގައި ވިޔަސް، މާލިއްޔަތު ގަވާއިދުގެ މަތިން އެ ކަމެއްގެ ފެންވަރާއި އަގާ ބެހޭ ގޮތުން ދެ ފަރާތުން އެއްބަސްވާ އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭނެ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެ އެވެ.