އަމުރާ ގުޅިގެން، ގާނޫނީ ކަންކަން ސުޕްރީމް ކޯޓަށް ހުށަހަޅާނަން: ޕީޖީ

އިދިކޮޅު ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އަދި އެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ކަންކަން ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިރޭ ބުނެފި އެވެ.


އިދިކޮޅު ލީޑަރުންނާއި އެހެން ބައެއް ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ އަމުރު ތަންފީޒު ކުރަން ޖެހޭނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ލަފާ ދެއްވާފައިވާ ކަމަށެވެ.

އެ އަމުރުގައި، ދޫކޮށްލަން އެންގި ބައެއް ބޭފުޅުންގެ މައްސަލަތައް މިހާރު ވެސް ހިނގަމުން އަންނާތީ އާއި އަނެއް ބައި ބޭފުޅުންގެ މައްސަލަތަކުގެ ޝަރުއީ މަރުހަލާތައް އޮތީ ނިމިފައިވާ ކަމަށް ވާތީ، އެ އަމުރު ތަންފީޒު ކުރަން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ އިދާރާ ގުޅިގެން ކުރަމުން އަންނަ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ. އަދި އެ މަސައްކަތުގެ ތެރެއިން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ގާނޫނީ ކަންކަމުގެ ތަފްސީލުތައް އެ ކޯޓަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އަމުރާ ގުޅިގެން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވެސް މިއަދު ވިދާޅުވެފައި ވަނީ ފުލުހުންނާއި ޕީޖީއާ މަޝްވަރާ ކުރުމަށް ފަހު، ކަންބޮޑުވުންތައް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ދޫކޮށްލަން އެންގި އެއްވެސް ބޭފުޅަކު މިހާތަނަށް ދޫކޮށްލާފައި ނުވާތީ އެ ބޭފުޅުންގެ ވަކީލުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ބޭފުޅުން ބަންދުން މިނިވަން ކުރުމުގެ އަމުރަކަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ވެސް ވަކީލުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.