ރައީސް އަޒުލުކުރަން ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ތަބައެއް ނުވާނަން: އޭޖީ

ރައީސް އަބްދުﷲ ޔާމީން މަގާމުން އަޒުލުކުރަން ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ތަބާނުވާން ސަލާމަތީ ބާރުތަކަށް ލަފާ ދެއްވާފައިވާ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މިއަދު ވިދާޅުވެއްޖެ އެވެ. އެ ލަފައާ އެއްގޮތަށް، އަމަލުކުރަން ސިފައިންނާއި ފުލުހުން ވަނީ ނިންމައިފަ އެވެ.


ޗީފް އޮފް ޑިފެންސް ފޯސް، އަހްމަދު ޝިޔާމް އާއި އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާ އެކު ދައުލަތުގެ މީޑިއާ ޕީއެސްއެމް މެދުވެރިކޮށް ދެއްވި ބަޔާނެއްގައި އޭޖީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް، ރައީސް ޔާމީން އަޒުލުކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރެން އުޅޭ ކަމުގެ އަޑު ފެތުރިފައިވާ ކަމަށެވެ. މި އަމުރުގެ ސަބަބުން ގައުމުގައި ބޮޑު ހަމަނުޖެހުމެއް އުފެދިދާނެތީވެ، އެ އަމުރަށް ތަބާނުވާން ލަފާ ދީފައިވާ ކަމަށެވެ.

އަނިލް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމުން، ބޮޑެތި ކުށްތަކެއްގައި ހުކުމްކޮށްފައިވާ ފަރާތްތަކެއްގެ ހުކުމްތައް ނިއުޅުވި، އަދި އެއް ކުށެއް ސާބިތުވެފައިވާ އެކި މީހުންނަށް އެކި ގޮތަކަށް އަމަލުކުރުމުގައި ވެސް ގާނޫނީ މައްސަލަތަކެއް ހުންނާނެ އެވެ.

އޭނާ ވިދާޅުވީ މިކަމުގައި ހުރި ކަންބޮޑުވުންތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ، ގައުމީ ކްރައިސިސް އަކަށް ހިނގައިދާނެ ކަމުގެ މައުލޫމާތުތަކެއް ވަނީ ލިބިފައި. މީގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެގެން ދަނީ މިކަމާ ގުޅިގެން އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުން އަންނާތީ،" އަނިލް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ކޮންމެ މުއައްސަސާއެއް ވެސް ހިނގަން ވާނީ ގާނޫނުއަސާސީއާ އެއްގޮތަށެވެ. އެހެން އެކަން އޮއްވައި ގާނޫނު އަސާސީން ލިބިދީފައި ނުވާ ބާރެއްގެ ބޭނުން ސުޕްރީމް ކޯޓަކަށް ވެސް ނުކުރެވޭނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އަޒުލުކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުންނެވެ. ސުޕްރީމް ކޯޓުގެ ދައުރަކީ، އެފަދަ ގަރާރަކާ މެދު ސުވާލު އުފެދިއްޖެ ނަމަ އެއީ ސައްހަ އެއްޗެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އަޅުގަނޑު މި ދަންނަވަނީ، ސުޕްރީމް ކޯޓުން ރައީސުލް ޖުމްހޫރިއްޔާ މަގާމުން ވަކިކުރުމަށް އިސްވެ، ކުރާ އެއްވެސް އަމުރަކީ، ހުކުމަކީ ގާނޫނީ ތަރަހައިން އަދި ގާނޫނު އަސާސީގައި ހިމެނޭ ކަމެއް ނޫން. އެހެންވީމާ މިކަން އަޅުގަނޑު ވާނީ ސަލާމަތީ ބާރުތަކަށް ވަރަށް ސަރީހަކޮށް އަންގާފައި އެފަދަ އަމުރަކަށް ތަބާވެގެން ނުވާނެ ކަމަށް،" އަނިލް ވިދާޅުވި އެވެ.

ޣައިރު ގާނޫނީ އެއްވެސް އަމުރަކަށް ތަބާނުވާން ސަލާމަތީ ބާރުތަކަށް ވެސް ގާނޫނުއަސާސީން ލާޒިމްކޮށްފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މޭޖަ ޖެނެރަލް ޝިޔާމް ވިދާޅުވީ ދިވެހި ގައުމު ބޮޑު ހަމަނުޖެހުމެއްގެ ތެރެއަކަށް ދާން އަސްކަރިއްޔާ އިން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. އަސްކަރިއްޔާ މަސައްކަތް ކުރާނީ ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުގެ ލަފަޔާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހި އަސްކަރިއްޔާ އެއްވެސް ޣައިރު ގާނޫނީ އަމުރަކަށް ކިޔަމަނެއް ނުވާނެ،" ޝިޔާމް ވިދާޅުވި އެވެ.

ޑެޕިއުޓީ ކޮމިޝަނަރު، ނަވާޒު ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތަކުގައި ފުލުހުންގެ މުއައްސަސާ އިން މަސައްކަތް ކުރާނީ، ބަންޑާރަ ނައިބު ދެއްވާ ލަފަޔާ އެއްގޮތަށެވެ.

"ދިވެހި ފުލުހުންގެ ފަރާތުން ދަންނަވާލަން އޮތީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފުވާ އެއްވެސް އަމުރަކަށް ދިވެހި ފުލުހުން އަމަލެއް ނުކުރާނެކަން،" ނަވާޒް ވިދާޅުވި އެވެ.

ރައީސް އަޒުލުކުރަން ނެރޭ އަމުރަކަށް ތަބާނުވާން ނިންމާފައި މިވަނީ، ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކޮށްގެން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ.