ހުޅުމާލޭގައި އަލަށް ހެދި 704 ފްލެޓްގެ ތެރެއިން، ފްލެޓް ލިބުނު 661 މީހުންގެ ލިސްޓް އާއްމުކުރަން ސަރުކާރުން ދެކޮޅުހަދާފައި ވަނިކޮށް، އެ ލިސްޓު ކަމަށް ބުނާ ލިސްޓެއް މިއަދު ލީކުކޮށްލައިފި އެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓަށް ހުޅުވައިލުމުން 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ 661 މީހަކަށް ކަމަށް ބުނެ ހަތަރު އަހަރު ފަހުން ލިސްޓެއް އާއްމުކުރީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކާ އެކުގަ އެވެ. ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން ކަމެއް ވެސް ނޭނގެ އެވެ.

ފްލެޓް ދިން މީހުންގެ ލިސްޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް އާއްމުކޮށްފައި މި ވަނީ، ހައްގު ނޫން އެތައް ބަޔަކަށް ފްލެޓްތައް ދީފައިވާ ކަމަށް ބުނެ ޝަކުވާ ކުރަމުން ދަނިކޮށެވެ. އެ ލިސްޓުގައިވާ ގޮތުން 54 ޕޮއިންޓް ލިބުނު މީހުންނަށް ވެސް ފްލެޓް ދީފައިވެ އެވެ.

ލިސްޓު އާއްމުވުމުގެ ކުރިން ވެސް މި ތުހުމަތުތައް އެތައް ބަޔަކު ކުރި އެވެ. އެކަމަކު އޭރު ސަރުކާރުން އެ ވާހަކަ ދޮގުކުރި އެވެ.

ލީކުކޮށްލި ލިސްޓުގައި ފްލެޓް ލިބުނު މީހުންގެ ނަމާއި އެޑްރެސް އަދި ފޯމް ނަމްބަރާއި އައިޑީ ކާޑު ނަމްބަރު ވެސް ހިމަނާފައިވެ އެވެ. ފްލެޓަށް ހައްގުވާ 259 މީހަކު އެ ލިސްޓުން އުނިކުރި އިރު ފްލެޓް ލިބުމުގެ ޝަރުތު ހަމަނުވާ 261 މީހަކަށް ފްލެޓް ދީފައިވާކަން ވެސް އެ ލިސްޓުން އެނގެ އެވެ.

ލިސްޓުގައިވާ ގޮތުން 109 ޕޮއިންޓް ލިބުނު މީހުން އުނި ކުރި އިރު، 107 ޕޮއިންޓް ލިބުނު ބައެއް މީހުން އުނިކޮށް، 107 ޕޮއިންޓް ލިބުނު ބައެއް މީހުންނަށް ފްލެޓް ދީފައިވެ އެވެ. 109 ޕޮއިންޓުން ފެށިގެން 90 ޕޮއިންޓާ ހަމަޔަށް ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ވެސް ބައެއް މީހުންގެ ނަންތައް އުނިކޮށްފައިވެ އެވެ.

އޭގެ އިތުރުން "މިނިސްޓާ ލިސްޓް"ގެ ނަމުގައި ވަކި ލިސްޓެއް ހަދައި، 89 ޕޮއިންޓުން ފެށިގެން 54 ޕޮއިންޓާ ހަމަޔަށް ޕޮއިންޓް ލިބުނު ބައެއް މީހުންނަށް ވެސް ފްލެޓް ދީފައިވެ އެވެ. މި ލިސްޓުގެ ސުރުހީގައި ބުނެފައިވާ ގޮތުން މި ބައިގައި ހިމެނެނީ ފްލެޓަށް ޝަރުތު ހަމަނުވި ނަމަވެސް ފްލެޓް ދީފައިވާ މީހުންނެވެ.

މި ލިސްޓު ލީކުވުމާ ގުޅިގެން އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވި އެވެ. މެސެޖް ކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

މިހާރު މީހުން ދިރިއުޅެން ފަށާފައިވާ އެ ފްލެޓްތަކުގެ ކުލީގެ ގޮތުގެ ކަނޑައަޅާފައިވަނީ 25 އަހަރަށް ބަހާލައިގެން މަހަކު 6،000 ރުފިޔާ އެވެ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 25،000 ރުފިިޔާ އެވެ.

ފްލެޓްތައް ބެހީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، މައްސަލަ ބަލައި އިންސާފުވެރި ހައްލެއް ހޯދައިދޭން އެދި އެތައް ބަޔަކު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އޭސީސީ އަށް މައްސަލަ ހުށަހަޅައިފަ އެވެ. ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު ވެސް އެ މައްސަލައިގެ ތަހުގީގެއް ނުނިމެ އެވެ.