ބަޔަކު ގެންނަން އުޅުނު ބަޣާވާތް ފެއިލް ކޮށްލެވިއްޖެ: އާދަމް ޝަރީފް

ބަޔަކު ގެންނަން އުޅުނު ބަޣާވާތުގެ ހުރިހާ ކަމެއް ފެއިލް ކޮށްލެވި، ނުރައްކާތެރި ދަނޑިވަޅަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް އެޅިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.


ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއީ (ޕީއެސްއެމް) އަށް ދެއްވި އިންޓަވިއުއެއްގައި އާދަމް ޝަރީފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އެކި ބަޣާވަތް ގެންނަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ހުރިހާ ފަހަރެއްގައި ވެސް ބަދަހި ސަފުތަކާއެކު ސަލާމަތީ ބާރުތަކުން ކުރިމަތިލާފައިވާ ކަމަށް ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ މަންފާއަށްޓަކައި އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅު، މި ފަހަރު ރައީސް ޔާމީން އަޅުއްވާފައިވާ ކަމަށެވެ.

"މިއީ ބަޔަކު ރާއްޖެ އަށް ގެންނަން އުޅުނު ބަޣާވާތެއް ފެއިލް ކޮށްލުމަށްޓަކައި ރައީސް ވަރަށް ހިކުމަތްތެރިކަމާ އެކީ ގެންނެވި ވަރަށް ސްޓްރެޓިޖިކް ބަދަލެއް. އަދި އެކަމުގެ ސަބަބުން މިހާރު މިވަނީ ގެންނަން އުޅުނު ބަޣާވާތުގެ ހުރިހާ ކަމެއް ފެއިލް ކޮށްލެވިފައި،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭރުގެ ފަރާތްތަކާ އެކު ބަދަހި ގުޅުމެއް އެބަ އޮތް ކަމަށާއި ރާއްޖޭގެ ހާލަތު އެ ގައުމުތަކުން ވަރަށް ގާތުން ބަލާނެ ކަމަށެވެ. އެހެންވެ ކަންކަން އެނގި ޝައްކުތައް ފިލައިގެން ދިއުމުން ރައީސް ޔާމީނަށް ކުރަމުން އަންނަ ތާއީދު އިތުރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރަސްފަތި ދުވަހުގެ ރޭ ނެރުނު ކުއްލި އަމުރާ އެކު މުޅި ސިޔާސީ މަސްރަހު ވަނީ ބަދަލުވެފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ.

ކޯޓުގެ އަމުރާއެކު، އެ އަމުރު ތަންފީޒު ނުކުރުމުން ރާއްޖެ އަށް ވަނީ ބޭރުގެ ޕްރެޝަރު ވެސް ބޮޑުވެފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ވެސް އޭގެ އެންމެ ފުޅާމިނުގައި ފުރުސަތު ދީގެން ބޭރު ދުނިޔެ އަށް، ރާއްޖޭގެ ދެ ފުށް ފެންނާނެ ގޮތަކަށް މައުލޫމާތު ގެނެސްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ބޭރުގެ ފަރާތްތަކުން ވެސް ރާއްޖެ އަށް ހާއްސަކޮށް ރައީސް ޔާމީންގެ ސަރުކާރަށް ކުރި އަށް ވުރެ ބޮޑަށް ކުރާ ތާއީދާއި އިތުބާރު ބޮޑުވެގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. މި ބާވަތުގެ އެއްވެސް ކަމެއްގައި ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒެއް ސަރުކާރަށް އަދި އޭގެ ގެއްލުމެއް ރައްޔިތުންނަށް ވާނެ ގޮތަކަށް އަޅުގަނޑުމެންނަށް އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރެވޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހިނގާ ކަންކަން ބެލުމަށް ބޭރުގެ ފަރާތްތަކަށް ފުރުސަތު އެބައޮތް ކަމަށެވެ.

ރާއްޖެއަށް ދިމާވެގެން މި އުޅޭ ސިޔާސީ ކަންތައްތައް ވަރަށް އަަވަހަށް ހައްލުވެ ސަލާމަތުގެ އައްސޭރިއަކަށް ދަތުރުކުރާނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.