ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު ދިނުމަށް ރައީސްގެ މަންދޫބުން އެކި ގައުމުތަކަށް

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ މައުލޫމާތު އެކުވެރި ބައެއް ގައުމުތަކާ ހިއްސާ ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބުންތަކެއް އެ ގައުމުތަކަށް ފޮނުއްވަން ފައްޓަވައިފި އެވެ.


ރައީސް އޮފީހުން މިރޭ ބުނީ ރައީސް ޔާމީންގެ މަންދޫބުން ފޮނުއްވަނީ ޕާކިސްތާނާއި ޗައިނާ އަދި ސައޫދީ އަރަބިއްޔާ އަށް ކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާ އަށް، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިރޭ ވަނީ ޕާކިސްތާނަށް ފުރާވަޑައިގެންފަ އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ސައޫދީ އަރަބިއްޔާ އަށް ފުރާވަޑައިގަންނަވާނީ މާދަމާ އެވެ.

ރައީސް ޔާމީންގެ ޚާއްސަ މަންދޫބުން އެ ތިން ގައުމަށް ވަޑައިގަންނަވާއިރު، އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު ޖަލުން ދޫކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު، ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާން ކޮށްފަ އެވެ. އަދި ރިޝްވަތު ހިފުމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު ހައްޔަރު ކުރުމާއެކު، ސުޕްރީމް ކޯޓުގެ ތިން ބޭފުޅުންގެ ބެންޗުން ވަނީ ސިޔާސީ ނުވަ ބޭފުޅުން ދޫކުރުމުގެ އަމުރު ބާތިލްކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހައްޔަރުކޮށްފައިވާއިރު، އެކަމާ ގުޅިގެން ބައިނަލްއަގްވާމީ އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.