ރާއްޖޭގެ މައްސަލާގައި އދ.ގެ ސަލާމަތީ މަޖިލިހުގެ ބައްދަލުވުމެއް ބާއްވަނީ

ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ކުއްލި ހާލަތު އިއުލާނު ކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބާއްވާނެ ކަމަށް ޑިޕްލޮމޭޓުންނާ ހަވާލާދީ އޭއެފްޕީން ބުނެފި އެވެ.


އޭއެފްޕީން ބުނީ މިއީ ސިއްރު ބައްދަލުވުމެއް ކަމަށާއި މި ބައްދަލުމަށް އދ.ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓުން ރާއްޖެއާ ބެހޭ ރިޕޯޓެއް ހުށަހަޅާނެ ކަމަށެވެ.

ހުކުމް ތަންފީޒުކުރަމުން ގެންދާ ސިޔާސީ ނުވަ މީހަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މި މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ނުކޮށް ރައީސް ޔާމީން ވަނީ ކުއްލި ހާލަތު އިއުލާން ކުރައްވައި ސުޕްރީމް ކޯޓާއި ފަނޑިޔާރުންނާއި އާންމުންގެ ބައެއް ހައްގުތައް ހަނިކުރައްވައިފަ އެވެ. ކުއްލި ހާލަތު އިއުލާން ކުރެއްވުމަށް ފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އަލީ ހަމީދުގެ އަނބިކަނބަލުންނާއި އެ އާއިލާގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ވަކި ބަޔަކު ބުނާ ގޮތަކަށް އަމުރު ނެރުމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު ވަނީ ރިޝްވަތުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނަގައިފަ އެވެ. ފުލުހުން ވަނީ މި ބޭފުޅުންގެ މައްޗަށް، ރިޝްވަތު ހިފުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުކޮށްފަ އެވެ.

ރާއްޖޭގެ މައްސަލާގައި އދ.ގެ އެންމެ މަތީ ފެންވަރުގައި މަޝްވަރާ ކުރަން މި ފަށަނީ ކުއްލި ހާލަތު ވަގުތުން އުވާލައި ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަނެޒް ގޮވާލައްވާފައި ވަނިކޮށެވެ. އަދި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ވެރިޔާ ވެސް ވަނީ ކުއްލި ހާލަތު އިއުލާނު ކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަލާކުކޮށްލުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.