މަޖިލީހުގެ ޖަލްސާތައް ނުފަށާ ސަބަބެއް ނުބުނި

ގަވާއިދުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި މަހުގެ ފުރަތަމަ ހަފުތާގައި ފަށަން ޖެހުނު ނަމަވެސް، ޖަލްސާތައް ފަށާނެ ދުވަހެއް މެމްބަރުންނަށް ނާންގައި ދިގުލައިގެންދާ ސަބަބެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނުބުންޏެވެ.


ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ މިދިޔަ ހޯމަ ދުވަހު ދަރުބާރުގޭގައި ބާއްވަން ތާވަލުކޮށް މެމްބަރުންނަށް އެކަން އެންގުމަށް ފަހު، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މަޖިލީހުގެ އިދާރާ އިން ވަނީ އެ ޖަލްސާ ކެންސަލް ކޮށްފަ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާފައި ފަށަން ޖެހޭނެ އެވެ. އެކަމަކު، މި މަހުގެ ފުރަތަމަ ހަފުތާ ނިމި، ދެ ވަނަ ހަފުތާ ހިނގަމުންދާ އިރު ވެސް، މަޖިލީހުގެ ޖަލްސާތައް ފަށާނެ ދުވަހެއް މަޖިލީހުން ހާމައެއް ނުކުރެ އެވެ.

މަޖިލީހުގެ ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އޮންނާނީ ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ސިޔާސަތުގެ މައްޗަށް ބިނާކޮށްފައިވާ ރިއާސީ ބަޔާން، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވެވުމެވެ. އެ ޖަލްސާ ބާއްވަން އޮތީ ދަރުބާރުގޭގަ އެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި އޮންނަ މައްސަލައިގައި މަޖިލީހުގެ އިދާރާގެ ބަހެއް ހޯދަން އެތަނުގެ އިސް ވެރިންނަށް ތަކުރާރުކޮށް ގުޅުމުން ވެސް އެ ކަމާ ބެހޭ ގޮތުން ވަކި ޖަވާބެއް ނުދެއްވި އެވެ.

ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް މެޖޯރިޓީ ލިބުމުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ހައްޔަރުކުރަމުން ދިޔުމަކީ އެ ކަމުގެ އެންމެ ބޮޑު ހެކި ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވަނީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ. އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދަން ފުލުހުން އިއުލާން ކޮށްފައިވާ އިރު، މިހާތަނަށް އޭނާ ނުފެންނަ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވަނީ ރިޝްވަތުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހު ހައްޔަރު ކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އިލްހާމާއި ސިނާނަށް ފުލުހުން ތުހުމަތު ކުރަނީ މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލުމަށް ރިޝްވަތު ހިފައި، ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުން އެ މަގާމުން ވަކިނުވާ ކަމަށް، ސުޕްރީމް ކޯޓުން ކަނޑައަޅައި، އެ ކަން ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމާ ގުޅިގެން، އިދިކޮޅު ޕާޓީތަކަށް ވަނީ މަޖިލީހުގެ މެޖޯރިޓީ ލިބިފަ އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް "މިހާރު" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް ނުބާއްވައި ދިގުލައިގެން ދަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމާ ގުޅިގެންނެވެ. އަދި ޖަލްސާތައް އަލުން ފަށާނެ ކަމަށް ބެލެވެނީ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގައި އޮތް މެޖޯރިޓީ ގެއްލުވާލުމަށް ފަހު ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި އޮތީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި މަޖިލީހުގެ ގަވައިދުތަކާ ހިލާފަށް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާ އިރު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާ އިން އޭޕްރީލް މަހުގެ ނިޔަލަށެވެ.

މިދިޔަ އަހަރަކީ މާ ބޮޑު މަސައްކަތެއް ނެތް، އެންމެ މަދުން ޖަލްސާތައް ބޭއްވި އަހަރަށް ވާނެ އެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވީ އެންމެ 36 ޖަލްސާ އެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ދައުރާއި ތިން ވަނަ ދައުރުގެ ގިނަ ޖަލްސާތައް ބޭއްވީ އިދިކޮޅު މެމްބަރުންގެ ދެކޮޅު ހެދުމާއި ހަޅޭއްލެވުމުގެ ތެރޭގަ އެވެ. އެ ގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރާތީ ކޮންމެ ދުވަހަކުހެން، އިދިކޮޅު މެމްބަރުން ޗެމްބަރުގައި އިހްތިޖާޖް ކުރެއްވި އެވެ.