ބައްޕައާ ކޮއްކޮގެ ބަންދާ ގުޅޭ ކަންބޮޑުވުންތަކާއެކު ދުންޔާ އެޗްއާރުސީއެމަށް

ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކޮއްކޯފުޅު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އާ މިއަދު ހިއްސާކޮށްފި އެވެ.


އެޗްއާރުސީއެމްގެ ރައީސް އާމިނަތު އީނާސްއާ އެކު ނަންގަވާފައި ފޮޓޯއަކާއެކު ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބާއްޕާފުޅާއި ކޮއްކޯފުޅުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މަޖިލިސް މެމްބަރުންނާއި އެހެން ބޭފުޅުންގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް އެ މުއައްސަސާއާ ހިއްސާކޮށްފައިވާ ކަމަށެވެ.

ދުންޔާގެ ޓްވީޓް

އޭނާ ވަނީ ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ހައްގުތަކަށް އިހުތިރާމް ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ވެސް ގޮވާލައިފަ އެވެ.

ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައްޕާފުޅާއި ކޮއްކޯފުޅުގެ ބަންދާ މެދު ކަންބޮޑުވުންތައް އެޗްއާރުސީއެމާ ހިއްސާކުރެއްވި އިރު، ދުންޔާ މި ވަގުތު ހުންނެވީ މަސައްކަތްތަކުން ދުރުވެ ޗުއްޓީއެއްގަ އެވެ. ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ސަރުކާރުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.

މައުމޫން ހައްޔަރުކުރި ފަހުން، ދަރިކަނބަލުން ދުންޔާ އޮފީހަށް ވަޑައެއްނުގަންނަވަ އެވެ.

މީގެ ކުރިން ދައްތާފުޅު ޔުމްނާ މައުމޫން ވަނީ ފާރިސްގެ ބަންދާ ގުޅޭ ކަންބޮޑުވުންތަކާއެކު އެޗްއާރުސީއެމާއި ކަމާބެހޭ އިދާރާތަކަށް ވަޑައިގެންފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވުމަށް ފަހު، ސަރުކާރާ މެދު ހިތްހަމަޖެހިވަޑައިނުގެން، ޖުލައި 5، 2016 ގައި ދުންޔާ އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ދުންޔާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.