ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ގަރާރު ދިރާސާ ކުރަން ގައުމީ ސަލާމަތުގެ ކޮމެޓީއަށް ވަނީ ފޮނުވާފައި.
19 ފެބުރުއަރީ 2018 - 13:55
ރައީސް ޔާމީން މި މަހުގެ 5 ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ނެރުއްވި ގަރާރާ މެދު މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި އެ ގަރާރު އިތުރަށް ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމެޓީ އަށް މިއަދު ފޮނުުވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން، މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރަން ހުށަހަޅުއްވައިފަ އެވެ. މި މަހުގެ 7 ވަނަ ދުވަހު މި މައްސަލަ މަޖިލީހަށް ފޮނުވި އިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މާދަމާ ރޭ ހަމަވާނެ އެވެ.
ރައީސްގެ ސިޓީފުޅުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނު ހާލަތު، މިހާރު ވެސް އޮތުމާއެކު، އެ ހާލަތަށް ހެޔޮ ބަދަލެއް ނާންނަ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނީ ގާނޫނުއަސާސީގައި ބާރުތައް ވަކި ކުރެވިފައިވާ އިރު، ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން ފަނޑިޔާރުން އަމަލުކޮށްފައިވާތީ ކަމަށް ރައީސްގެ ސިޓީފުޅުގައިވެ އެވެ. މިއީ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާނެ ކަންކަން ކަމަށާއި އެ އަމަލުތަކުގެ ސަބަބުން ދުސްތޫރީ އޮނިގަނޑަށް ބޮޑެތި ލޮޅުންތަކެއް އައި ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ވެސް އެ ސިޓީފުޅުގައިވެ އެވެ.
އެ ގަރާރު ކޮމެޓީ އަށް ފޮނުވުމަށް، ވޯޓުގައި ބައިވެރިވި 38 މެމްބަރުންގެ އިއްތިފާގުން ފާސްކުރި އިރު، އިދިކޮޅު މެމްބަރުން ވަނީ މިއަދުގެ އެ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ. ބެލެވޭ ގޮތުގައި، މި މައްސަލަ ކޮމެޓީން މިއަދުގެ ވަގުތެއްގައި ބަލައި ނިންމުމަށް ފަހު، އެއާ މެދު ގޮތެއް ނިންމުމަށް، މިރޭ ނުވަތަ މާދަމާ މަޖިލީހުގެ ތަޅުމަށް އަލުން ހުށަހަޅާނެ އެވެ.
މި މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވުމަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ. މި ގަރާރަށް ބަހުސް ކުރެއްވި މެމްބަރުން ވަނީ ސަރުކާރުގެ ނިންމުމަށް ތާއީދު ކުރައްވައިފަ އެވެ. އަދި ކޮމެޓީ އަށް މި މައްސަލަ ފޮނުވީ މަޖިލީހުގެ ތަޅުމުގައި މާބޮޑު ބަހުސެއް ކުރުމަކާ ނުލަ އެވެ.
ނިހާނު ވިދާޅުވީ ގަރާރު ހުށަހެޅި އިރު، އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. ރައްޔިތުންނަށް "ދަތި ހާލު" ޖެހުނު ގަޑީގައި، "ރައްޔިތުން ބޮލާލައި" ޖެހުމެކޭ މަޖިލީހަށް ނުވެންނެވުމެކޭ އެއްވަރު ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މެމްބަރަކު ސައިކަލްގައި މިއަދު މަޖިލީހަށް ވަޑައިގަންނަވަނީ. ---ފޮޓޯ: މިހާރު
"ރައީސް ވެސް މި ކުރައްވަނީ، އެ މަނިކުފާނު އަމިއްލަ އަށް ކުރައްވާ ކަމެއް ނޫން. ގާނޫނުއަސާސީގައި މިކަން ކުރުމަށް އޮތް ކަމެއް، ހާލަތާ ދިމާވީމަ، ހާލަތާ އެއްގޮތަށް ގާނޫނުގައިވާ ގޮތުގެ މަތިން ކަން ކުރައްވަނީ،" ނިހާނު ވިދާޅުވި އެވެ.
މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ ގައުމު ސަލާމަތް ކުރުމުގެ މަގްސަދުގައި ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ ވަރަށް ހިކުމަތްތެރިކަމާ އެކުގައި ކަމަށެވެ. އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ. ރިފާއު ވިދާޅުވި ގޮތުގައި ގައުމު ހަމަ މަގަށް އަޅުވަން ރައީސް ކުރައްވަނީ "ގައުމީ ޖިހާދެ"ކެވެ.
މި ގަރާރުގެ ބަހުސް މަރުހަލާގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަތީ، އިދިކޮޅު 12 މެމްބަރަކު މަޖިލީހަށް ވަނުމަށް ހުރަސްއަޅާ އަމުރެއް ސުޕްރީމް ކޯޓުން ރޭ ނެރުމާ ގުޅިގެން ސިފައިންނާއި ފުލުހުން އެ މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސް އެޅުމުންނެވެ.
ސުޕްރީމު ކޯޓުން ރޭ ނެރުނު އަމުރުގައި ވަނީ، މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، ޕާޓީ ބަދަލު ކުރުމަކީ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމެއް ކަނޑައަޅާފައިވާ ބަޔަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށްފަ އެވެ. މިއާ އެކު، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހަށް ނުވެންނެވޭނެ ކަމަށް ޕީޕީއެމްގެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. އެކަމަކު، އިދިކޮޅު މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި ފަހުން ނެރުނު އަމުރުގައި މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނެފައި ނުވާތީވެ، 12 މެމްބަރުންނަށް މަޖިލީހަށް ވެންނެވުމުގެ ފުރުސަތު އެބައޮތެވެ.
މަޖިލިސް ކުރާގޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ. ---ފޮޓޯ: މިހާރު
އެ 12 މެމްބަރުންނާ ނުލައި ބާއްވާ ޖަލްސާއަކީ ގާނޫނުއަސާސީއާ އެއްގޮތަށް ބާއްވާ ޖަލްސާއެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރަން ޖެހޭ ކަމަކަށް ވުމުން، މަޖިލީހުގައި މި މައްސަލަ އަށް ވޯޓަށް އަހާ އިރު، ގާނޫނުއަސާސީގައިވާ މަތިން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބައި މެމްބަރުން (43 މެމްބަރުން) ހާޒިރުވެ ތިއްބަވަން ޖެހޭ ކަމަށް މެމްބަރުން ގަބޫލުކުރައްވަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް ބާއްވާ ޚާއްސަ ޖަލްސާ އަށް، އިދިކޮޅު 12 މެމްބަރުން ވަދެވަޑައިގެންފާނެތީ، މަޖިލީހުގެ އިދާރާގެ ވަށައިގެންވާ ސަރަހައްދު އޮތީ ބަންދުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ދިޔައީ މަޖިލިސް ހިމެނޭ ސަރަހައްދުގައި ފޯރިމަރަމުންނެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރުމަށް މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިކޮށް، ފުލުހުން ތަހުގީގު ފެށީ ސިޔާސީ އިދިކޮޅު ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރަށް ފަހު، އެވެ. އެކަމަކު، ފަހުން އެ އަމުރުގެ އެ ބައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
އެ މައްސަލައިގެ ތުހުމަތަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުންގެ ބަޔަކު ވެސް މި މައްސަލައިގައި ހައްޔަރުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނާން
19 February 2018
ގައުމަށް ގައްދާރުވި މީހުންގެ ކިބައިން މި ގައުމު ސަލާމަށް ކުރުމަށް ތިޔަ ކުރައްވާ ބުރަ މަސައްކައް ތަކަށް ޝުކުރު ދަންނަ ވަނަވަން ސާބަހޭ ޕީޕީއެމް ފަހުލަވާނުން.
ވަފާ
19 February 2018
މީހުން ކުުރާ ނުބައިކަންތައްތައް ހުއްޓުވުގެ ބަދަލުގަައި އެކަންކަމަށް ތައުރީފުކޮށް ސަނާކިޔުމަކީ ޖާހިލުންގެ ސިފައެއް. ހައްދުފަހަނަ އޅާގޮސް ހަމައިން ނެއްޓިދާއިރުވެސް އެކުރަނީ ޖިހާދޭ. ރިފާއު ތިހިރީ ހަމަ ހޭގަތަ. އަމިއްލަ އެދުން ބޮޑުވިޔަސް ތީ ތަންކޮޅެއް ބޮޑުވަރު
ހާރިސްް
19 February 2018
އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީ ބުނާ ޙައްޤު ބަސް- ހަދީސް