އިމަޖެންސީއަށް އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނު ނަގަހައްޓަން: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތަށް އިތުރު 30 ދުވަސް ބޭނުން ވަނީ ގާނޫނުއަސާސީ ހިމާޔަތްކޮށް، ގާނޫނު ނަގަހައްޓައި ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމަށް ކަމަށް ރައީސް އޮފީހުން މިރޭ ބުނެފި އެވެ.


މި މަހު 5 ގައި ރައީސް ޔާމީން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު، އިތުރު 30 ދުވަހަށް ދަމަހައްޓަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޚާއްސަ ޖަލްސާ އަށް ހުށަހެޅިކަން ފާހަގަކޮށް ރައީސް އޮފީހުގެ ވެބްސައިޓުގައި މިކަމާ ބެހޭ މައުލޫމާތު އާންމުކޮށްފައިވެ އެވެ. މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި ސަރުކާރަށް ތާއީދުކުރާ 39 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާ އެކު ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ގަރާރު ފޮނުވައި އެ ކޮމެޓީން ހުށަހެޅުން ފާސްކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ހުށަހެޅުއްވުން މަޖިލީހުން ފާސްކުރައްވައިފި ނަމަ، މިހާރު އިއުލާނުކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ޖުމްލަ 45 ދުވަހަށް ދެމިގެންދާނެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައިވެ އެވެ.

ކުއްލި ނުރައްކާ ދިގު ދަންމަން ޖެހޭ ސަބަބެއް ކަމަށް ބުނެފައި ވަނީ، ގާނޫނު ނެގެހެއްޓުމެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހުނީ، ސުޕްރީމް ކޯޓުން މި މަހު 1 ގައި، ނެރުނު އަމުރުން ދައުލަތުގެ ހިންގުން އޮޅުންބޮޅުންވެ، މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރައި ގައުމާއި ރައްޔިތުންނާ ގުޅުން ހުރި އެތައް މަސްލަހަތުތަކެއް ގެއްލިދާނެތީ އެވެ.

މި މަހުގެ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ނެރުއްވި އަމުރުގައި ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއިި ޕާޓީ ބަދަލުކުރިއަސް މެމްބަރުންގެ ގޮނޑި ނުގެއްލުމުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ނިންމި މެމްބަރުންނަކީ، މަޖިލީހުގެ ސައްހަ މެމްބަރުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެއީ، އިދިކޮޅު ފަރާތްތަކުން ބަޣާވާތެއް ގެންނަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ހުށަހަޅައި ނެރުއްވި އަމުރެއް ކަަމަށް ބުނެ އެ ދެ ފަނޑިޔާރުން ހައްޔަރުކޮށް، އަމުރު ވަނީ ބާތިލްކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމަން މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް އެ ގަރާރު ފާސްކުރަން ބޭނުންވާ އަދަދަށް ވެރިކަންކުރާ ޕީޕީއެމަށް މެމްބަރުން ހަމައެއް ނުވެ އެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައ ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރަން ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާ އަށް ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެއީ މަޖިލީހުގެ މިހާރުގެ ޖުމްލަ މެމްބަރުންގެ އަދަދުން ބަލާއިރު 43 މެމްބަރުންނެވެ.

ސަރުކާރު ކޯލިޝަނުން މިއަދު ޖަލްސާގައި ބައިވެރިވެވަޑައިގަތީ 39 މެމްބަރެކެވެ. މެމްބަރުން ބެހިފައިވާ ގޮތުން ގަރާރު ފާސްކުރަން ބޭނުންވާ އަދަދު ސަރުކާރު ކޯލިޝަނަށް 43 މެމްބަރުން ހަމައެއްނުވެ އެވެ.