އިދިކޮޅު އިއްތިހާދުން މިނިސްޓަރު މުއިއްޒަށް ފާޑު ކިޔައިފި

ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ އިދިކޮޅު އިއްތިހާދާ ބެހޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތަކަށް އެ އިއްތިހާދުން މިރޭ ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.


ހައުސިން މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު އިއްތިހާދަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ އެ އިއްތިހާދަކީ ޣައިރު ގާނޫނީ ޖަމާއަތެއް ކަމަށާއި ޣައިރު ގާނޫނީ ކަންކަމަށް ހިތްވަރު ލިބޭ ބައްދަލުވުންތައް ބާއްވަން ރާއްޖޭގެ ބިމުން އެންމެ އިންޗިއެއް ވެސް ނުދޭނެ ކަމަށެވެ.

އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިއްތިހާދުގެ ތަރުޖަމާނު އަހުމަދު މަހްލޫފް މިރޭ ވިދާޅުވި ގޮތުގައި އޭނާ އަށް ވުރެ މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކޯލިޝަންތައް މާ ގިނަ ވާނެ އެވެ.

އެގޮތުން ވަތަން އެދޭ ގޮތަށް ނަމުގައި އުފެއްދި ކޯލިޝަނާއި 23 ޑިސެމްބަރު އިއްތިހާދާއި ބޮޑުފަޅި ނަމުގައި ޕީޕީއެމުން ވެރިކަމަށް އައުމަށް އުފެއްދި ކޯލިޝަންގައި އަމަލީ ގޮތުން މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ނުވަތަ އިދިކޮޅު އިއްތިހާދަކީ ޣައިރު ގާނޫނީ ބައެއް ކަމަށް މިނިސްޓަރު ވިދާޅުވާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން ކޯލިޝަނެއް ހެދުމަކީ ޣައިރު ގާނޫނީ ކަމަކަށް ވާ ނަމަ، މިހާރު އޮތް ސަރުކާރަކީ ވެސް ޣައިރު ގާނޫނީ ސަރުކާރެއް." ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހްލޫފް ވިދާޅުވި އެވެ.

ބޭރުގެ އެކި ގައުމުތަކުގެ އިސް ބޭފުޅުން އިދިކޮޅު އިއްތިހާދު ބަލައިގެންފައިވާ ކަމަށާއި އެހެންވެ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް މިނިސްޓަރު ވާހަކަ ދެއްކުވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު އިއްޔެ ވިދާޅުވީ ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް އެމްޑީޕީ އަށް ދިން ހުއްދަ ބާތިލް ކުރީ ސުލްހަވެރިކަން ގެއްލޭ ގޮތަށް ކަންކަން ކުރަން އިއުލާން ކުރީމަ ކަމަށެވެ.

ޖަލްސާ ބާއްވަން ހުއްދަ ދިން ސިޓީގައި، ހުއްދަ ދިން ފަރާތް ނޫން އެހެން ބައެއްގެ ހަރަކާތަކަށް ތަން ބޭނުންކުރާ ނަމަ ހުއްދަ ބާތިލްކުރާނެ ކަމަށް ބުނެފައި ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ރޭ ބާއްވަން އުޅުނު އިއްތިހާދުގެ ޖަލްސާ، މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރުމަށް ފަހު އަންނަ ހުކުރު ވިލޭރޭ ބާއްވާނެ ކަން މިރޭ ވަނީ އިއުލާންކޮށްފަ އެވެ. އަދި ޖަލްސާ ބޭއްވުމަށް ނަގަން ޖެހޭ ހުއްދަތައް ނެގުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ އިއްތިހާދުން ވަނީ ބުނެފަ އެވެ.