ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ބޮއިކޮޓް ކުރަން އިދިކޮޅު މެމްބަރުން ނިންމަވައިފި

ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޮއިކޮޓް ކުރުމަށް އިދިކޮޅު މެމްބަރުން ނިންމަވައިފި އެވެ.


އިދިކޮޅު މެމްބަރަކު "މިހާރު" އަށް ވިދާޅުވީ، މިރޭ 9:00 ގައި ބާއްވާ ޖަލްސާގައި ބައިވެރިނުވާން ނިންމީ، އިދިކޮޅު 12 މެމްބަރަކަށް ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނެތުމުން ކަމަށެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ރިޔާސަތު ބަލަހައްޓަވައި ޖަލްސާއެއްގައި ބައިވެރިވާން އިދިކޮޅު މެމްބަރުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން، މަޖިލީހުގެ މިރޭގެ ޖަލްސާގައި ބައިވެރި ނުވާން ނިންމީ، ޖުމްހޫރީ ޕާޓީގެ މައި އޮފީސް، ޖަގަހަ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. އެ ބައްދަލުވުމުގައި، މިވަގުތު މާލޭގައި ތިއްބެވި އިދިކޮޅު ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގެންނެވި ކަމަށް ވެ އެވެ.

މީގެ ކުރިން އިދިކޮޅު މެމްބަރުން ވަނީ ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ބައެއް ޖަލްސާތައް ބޮއިކޮޓް ކުރައްވައިފަ އެވެ. އަދި ބައެއް ޖަލްސާތަކުގައި މެމްބަރުން އިހުތިޖާޖް ވެސް ކުރެއްވި އެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގައި، ގައުމުގެ ހާލަތު ބަޔާންކޮށްދީ، އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް، މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވަންވާނެ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް އެ އަހަރެއްގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާފައި ފަށަން ޖެހެ އެވެ. ނަމަވެސް، ގަވާއިދުގައި އެ ބުނާ ޖަލްސާ މި މަހުގެ ފަސް ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވުމަށް އިއުލާން ކުރުމަށް ފަހު، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މަޖިލީހުގެ އިދާރާ އިން ވަނީ އެ ޖަލްސާ ކެންސަލް ކޮށްފަ އެވެ. އޭގެ ފަހުން އެ ދުވަހުގެ ރޭ ރައީސް ޔާމީން ވަނީ 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ.

ފަނަރަ ދުވަހަށް އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދެމެހެއްޓުމަށް އެކަމާ ގުޅޭ ގޮތުން ކުރިން ނެރުނު ގަރާރު ފާސް ކުރުމަށްޓަކައި ދައުރުން ބޭރުން ހޯމަ ދުވަހާއި އިއްޔެ މަޖިލީހުގެ ދެ ޖަލްސާއެއް ބޭއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހުގެ އެއްވެސް ޖަލްސާއަކަށް ނުވަދެވެ އެވެ.

ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ކަނޑައަޅައިފަ އެވެ. އެ އަމުރު ތިން ފަނޑިޔާރުން ފަހުން ބާތިލްކުރެއްވި އިރު ވެސް މެމްބަރުންނާ ގުޅޭ ބައި ބާތިލެއް ނުކުރެ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ފަހުން ވަނީ މެމްބަރުންގެ ގޮނޑިއާ ގުޅޭ ބަޔަށް އަމަލުކުރުން ފަސްކުރަން އަމުރު ނެރެފަ އެވެ.