ޚިދުމަތް މެދުކަނޑާލި ގޮތުން ބްރޯޑްކޮމް އިން ރާއްޖެ ޓީވީ 2000ރ. އިން ޖޫރިމަނާކޮށްފި

ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ ޚިލާފަށް ޕްރޮގްރާމްތައް މެދުކަނޑާލި މައްސަލާގައި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ރާއްޖެ ޓީވީ 2،000ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ.


އެ މައްސަލަ ބެލުމަށް ފަހު ބްރޯޑްކޮމް އިން ބުނީ އެ ޓީވީ ސްޓޭޝަންގެ ޕްރޮގްރާމްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ ބްރޯޑްކާސްޓް ކުރުުމުގެ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށެވެ. އެހެންވެ އެކަން ބެލުމަށް ފަހު، ބްރޯޑްކޮމްގެ މެމްބަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އިއްތިފާގުން ރާއްޖެ ޓީވީ ޖޫރިމަނާ ކުރަން ނިންމީ ކަމަށް އެ ސްޓޭޝަނުން ބުންޏެވެ.

މިނިވަން ނޫސްވެރިކަމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ ރާއްޖެ ޓީވީގެ އާއްމު ބްރޯޑްކާސްޓިން ހުއްޓާލީ މި މަހުގެ އަށް ވަނަ ދުވަހުގެ ރެ އެވެ. ނަމަވެސް އޭގެ ތިން ދުވަސް ފަހުން އަނެއްކާ ވެސް އެ ސްޓޭޝަންގެ ޕްރޮގްރާމްތައް ވަނީ ފަށައިފަ އެވެ.

ބްރޯޑްކާސްޓް ކުުރުމުގެ ގާނޫނުގެ 40 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، އެއްވެސް ޚިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލަން ބްރޯޑްކާސްޓަރަކު ނިންމައިފި ނަމަ، އޭގެ 15 ދުވަސް ކުރިން އެކަމުގެ ހުއްދަ އަށް ބްރޯޑްކޮމްގައި އެދެން ޖެހޭނެ އެވެ. އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެކަން ހަތް ދުވަސް ކުރިން އަންގަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ.

ޖޫރިމަނާގެ ފައިސާ، އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް ދެއްކުމަށާއި އެ ނިންމުމާ ދެކޮޅަށް ކަމާ ބެހޭ އިދާރާ އަށް ހުށަހެޅުމުގެ ހައްގު ލިބިފައިވާ ކަން ވެސް ބްރޯޑްކޮމް އިން ފާހަގަކުރި އެވެ.

މީގެ ހަތް އަހަރު ކުރިން އުފެއްދި ރާއްޖެ ޓީވީ ވަނީ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، ބޮޑު އަދަދުތަކުން ވެސް ޖޫރިމަނާކޮށްފަ އެވެ.